ހދ. ކުމުންދޫގެ ކަނޑޫފާވެސް މަރުވާން ފަށާފައިވާ ކަމުގެ ކަންބޮޑުވުން، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ފާޅުކުރަށްވައިފިއެވެ.

އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައިވާ ކަނޑޫގަސް މަރުވުމުގެ މައްސަލަ ކުމުންދޫ ކަނޑޫފަލުންވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

Ad
rt

ކުމުންދޫގެ ކަނޑޫފަލުގައި މިހާރު ބޮޑަށް ހެދިފައިވަނީ ތަކަފަތި އަދި ރަނޑޫ ގަސްތައް ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް އެ ދެބާވަތުގެ ގަސްތަކުން ކަނޑޫ ގަސްތަކަށް ދިމާވާފަދަ މައްސަލައެއް ދިމާވެފައިވާކަމަކަށް ފާހަގަ ނުކުރެވޭކަމަށް ވެސް އަމީން ވިދާޅުވިއެވެ.

''މިސަރަހައްދުގެ ބޮޑެތި ކަނޑޫފާތަކަށް ދިމާވެފައިވާ ކަނޑޫގަސް މަރުވުމުގެ މައްސަލަ ކުމުންދޫ ކަނޑޫފަލުންވެސް ފެންނަން އެބަހުރި، ކުމުންދޫގެ ކަނޑޫފަލުގައި މިހާރު ބޮޑަށް ހެދިފައިވަނީ ތަކަފަތި އަދި ރަނޑޫ އެގަސް ތަކަށް އެފަދަ މައްސަލައެއް ދިމާވެފައިވާކަމަކަށް ފާހަގައެއް ނުވޭ''

=އަމީން މުޙައްމަދު. ކުމުންދޫ ކައުންސިލްގެ ރައީސް=

ކުމުންދޫ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވާން ފަށާފައިވާކަމުގެ ކަންބޮޑުވުން އެރަށުގެ ކައުންސިލްގެ ރައީސް ފާޅުކުރަށްވާފައިވާއިރު، މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.

މީގެ އިތުރުން ''ސޭވް މޯލްޑިވްސް'' ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް މިފަހުން އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އަދި ގދ. ރަތަފަންދޫ އެވެ.

މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތަށް ބަލާއިރު ސަރުކާރުން މިހާތަނަށް ކަނޑޫފާ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކޮށްފައިވަނީ ހއ. ކެލާ އަދި ހދ. ނޭކުރެންދޫ ކަނޑޫފަލެވެ.