ފުޅާ ދާއިރާއެއްގައި ލަގްޒަރީ ޔޮޓާއި ފައިބަރގްލާސް ބޯޓުފަހަރު ބަންނަމުން އަންނަ، ގަލްފް ކުރާފްޓުން ރާއްޖޭގައި ތަފާތު ގިނަ ޚިދުމަތް ހިމެނޭ މަޝްރޫޢުއެއް ފެއްޓުމަށްޓަކައި ރާއްޖޭގެ ފަޅެއްގައި ވަކިން ހަ ރަށް ތަރައްޤީ ކުރުމަށްޓަކައި އެތަންތަނުގެ ބިން ހިއްކުން ބަޔަކާއި ހަވާލުކޮށްފިއެވެ.

ގަލްފް ކުރާފްޓު ކުންފުނިން މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއި ހަވާލު ކޮށްފައިވާއިރު، އެ ރަށްތަކުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ބޯޓު ބަނުމަށްޓަކައި ގަލްފް ކުރާފްޓުގެ އައު ފެކްޓްރީއަކާއި، ސަފާރީ އަދި ޔޮޓުތަކަށް ޙާއްސަ ޔޮޓު މެރީނާއަކާއި، މެރީޓައިމް ސްކޫލެއްގެ އިތުރުން ފަތުރުވެރިންނަށް އަމާޒު ކޮށްގެން މަތީފަންތީގެ ރިސޯޓެކެވެ. މި މަޝްރޫޢުގެ ނަމަކީ "ގަލްފް ލެގޫން"އެވެ.

Ad
rt

މިކަމަށްޓަކައި ތިލަފުށީގައި ހުންނަ ގަލްފް ކުރާފްޓު މޯލްޑިވްސްގެ ބޯޓު ޔާޑުގައި ބޭއްވި ރަސްމިއްޔާތުގައި ގަލްފް ކުރާފްޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާރމަން މުޙައްމަދު ހުސެއިން އަލްޝާލީއެވެ. އަދި ސާސް އީ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަލްފް ކުރާފްޓު ކުންފުނީގެ ޗެއާރމަން މުޙައްމަދު ހުސެއިން އަލްޝާލީ ވިދާޅުވެފައިވަނީ " ރާއްޖޭގައި ޚިދުމަތްދޭތާ މިހާރު 20 އަހަރު ވެއްޖެ، މި މަޝްރޫޢާއި އެކު ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން" މީގެއިތުރުން ރާއްޖޭގައި މި މަސައްކަތް މިހާ ހިސާބަށް ގެނައުމުގައި ގިނަ ބައެއްގެ އެހީތެރިކަންވަނީ ލިބިފައިވާކަން ފާހަގަކޮށް އެ އެންމެހާ ފަރާތްތަކަށް ހުސެއިން އަލްޝާލީ ވަނީ ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާސް އީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެފައިވަނީ އަމާޒަކީ 3 އަހަރުދުވަސްތެރޭ ބިން ހިއްކާ، އެކަމާއި ގުޅުންހުރި އެހެން މަސައްކަތްތައް ވެސް ނިންމާލުން ކަމަށެވެ.

ގަލްފް ކުރާފްޓު ކުންފުނިން މިހާރުވެސް ދަނީ މަތީފެންވަރުގެ ބޯޓުތައް ބަނދެ ރާއްޖޭގެ ބާޒާރަށާއި މި ސަރަހައްދުގެ އެހެން ޤައުމުތަކުގެ ބާޒާރަށް ނެރެމުންނެވެ. ޔޮޓާއި ބޯޓު ފަހަރު ބަނުމުގެ މަސައްކަތް 1982 ވަނަ އަހަރު ފެށި ގަލްފު ކްރާފްޓަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ޚިދުމަތް ދޭން ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ.