އޮންލައިން ވިޔަފާރި އަކީ މިއަދު ދިވެހިންގެ ތެރޭގައިވެސް މަޑުމަޑުން ނަމަވެސް ޢާންމުވަމުން އަންނަ އެއް ވިޔަފާރިއެކެވެ. އިންޓަރނެޓްގެ ޒަރީޢާއިން އޮންލައިން ފިހާރަތައް ހުޅުވައި، އެއް ޤައުމުން އަނެއް ޤައުމަށް މުދާ ގަނެވިއްކުމުގެ މުޢާމަލާތް މިއަދު މިވަނީ އިނގިލިކުރިން ފިއްތާލައިން ކުރެވުމުގެ ޤާބިލުކަމާއި ހަމައަށް ވާޞިލްވެފައެވެ. އަލީ އެކްސްޕްރެސް، އެމޭޒޮން ފަދަ ތަންތަނަކީ މިއަދު ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގައި ހިމެނޭ، ދިވެހިންވެސް ވިޔަފާރު ކުރަމުން އަންނަ ވެބްސައިޓުތަކެވެ.

މި ފަސޭހައާއި އެކު، އޮންލައިން ވިޔަފާރި ތަކުން މަކަރާއި ހީލަތް ހަދަމުންދާ ބަޔަކު އެއިން މަންފާ ކުރަމުން އަންނަ ވަރު މަދެއް ނޫނެވެ. އީ-ކޮމާސްގެ ދުނިޔޭގައި، ވަގުންނާއި މަކަރާއި ހީލަތުން އުޅޭ މީހުން ހިފައި ހޯދުމަކީ މިއަދު ދަތި ކަމެކެވެ. ޢާންމުކޮށް މި ފަދަ މީހުންގެ އަމާޒަކަށް ވަނީ އޮންލައިން ވިޔަފާރީގައި މަދު ދުވަސްތަކެއް ވެފައިވާ، އެ ވިޔަފާރީގައި މަޝްއޫލުވެފައިވާ މީހުންނެވެ. އީ-ކޮމާސްގެ ނަމުގައި ނަގްލީ ތަކެތި ވިއްކުމާއި، އަސްލާއި އެއްގޮތް ފޮޓޯ ބޭނުންކޮށް، ފޮނުވާ ތަކެއްޗަކީ ހަލާކުވެ ނުވަތަ އަސްލާއި ގުޅުމެއް ނެތް ތަކެތީގެ ޝަކުވާއާއި ގިނަ ބަޔަކު ވަނީ ކުރިމަތިލާން ޖެހިފައެވެ.

Ad
rt

އޮންލައިން ވިޔަފާރި ތަކުން ވައްކަން ކުރުން ހުއްޓުވުމަށް ދުނިޔޭގެ ގިނަ ސަރުކާރުތަކުންނާއި ބޮޑެތި ކުންފުނިތަކުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގައި ގިނަ ހުރަސްތަކެއްވަނީ އެކުލެވިފައެވެ. އަދި މި ކަމުގައި ކުރެވޭނެ އެންމެ ބޮޑު އެންމެ މުހިންމު އެއްކަމަކީ، ތަކެތި ބައްލަވައިގަންނަވާ ފަރާތްތަކުން ރަނގަޅަށް ސަމާލުވުމެވެ.

މިގޮތުން، ތިމާގެ ރައްކާތެރިކަމަށް ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.

1. ކޮމްޕެނީތަކުގެ އަސްލު ވެބްސައިޓު ތަކުން އެއްޗެހި ބައްލަވައިގަތުން: މަދުން ނަމަވެސް، ބައެއް މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް އެ ބްރޭންޑް ތަކުގެ ވެބްސައިޓު ތަކުން ނޫން ސައިޓުތަކުން ގަންނަން ލިބެއެވެ. ބައެއްފަހަރު ކަސްޓަމަރުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި އާދަޔާ ޚިލާފަށް އަގުހެޔޮ ކޮށްވެސް ހުރެއެވެ. މި ފަދަ ސައިޓުތަކުން ވިޔަފާރި ކުރެއްވުމުގެ ބަދަލުގައި، އެ ބްރޭންޑްއެއްގެ އަސްލު ވެބްސައިޓުން އެއްޗެހި ބައްލަވައި ގަތުމަށް އާދަ ކުރައްވާށެވެ.

2. އެއްޗެއް ބައްލަވައި ގަތުމުގެ ކުރިން އެއްޗަކާއި ބެހޭގޮތުން މަޢުލޫމާތު އެއްކުރެއްވުން: ބައެއް އީ-ކޮމާސް ވެބްސައިޓުތަކަކީ، އެއްޗެހި ގަންނަ ފަރާތާއި އެ އެއްޗެހި އުފައްދާ ފަރާތާއި ދެމެދު ތިބޭ "އޭޖެންޓުން" ކަހަލަ ވެބްސައިޓުތަކެކެވެ. އެ ވެބްސައިޓުގެ މަސްޢޫލިއްޔަތަކީ ވިއްކާ ތަކެތި މާރކެޓުކޮށް އޯޑަރު އަންނަވަރަކަށް ތަކެތި އުފައްދާ ކުންފުންޏަށް އޯޑަރު ފޮނުވުމެވެ. މި ގޮތަށް ކަން ހިނގާއިރު، މި ކަމުގެ ނާޖާއިސް ފައިދާ ނަގަނީ ގިނަ ފަހަރު އޮންލައިން ވިޔަފާރީގައި މަކަރު ހަދާ ފަރާތްތަކެވެ. އެހެންކަމުން ގަންނަން އުޅޭ ތަކެއްޗާއި މެދު ރިސާރޗު ހައްދަވައި، ގަނެވޭ ފަރާތުގެ މަޢުލޫމާތުވެސް އެއްކުރައްވާށެވެ.

3. އަގު ހެޔޮކޮށް އަގު ޖަހާފައި ހުރުމުން އަވަހަށް ގަނެލުމަށް މަސައްކަތް ނުކުރެއްވުން: މިއީ އަޅުގަނޑުމެއްގެ ތެރޭގައި ގިނަ ބަޔަކު މި މަޅީގައި ޖެހިވަޑައިގަންނަވާ އެންމެ ބޮޑު އެއް ސަބަބެވެ. އިންސާނީ ޠަބީޢަތް ހުންނަ ގޮތުން، ތަކެތި އަގުހެޔޮކޮށް ފެނުމާއި އެކު، އެ ތަކެތި ގަތުމަށް ހިތް ލެބިގެންދެއެވެ. އޮންލައިން ވިޔަފާރީގައި މި ގޯސް ނަހައްދަވާށެވެ. ސަބަބަކީ، މިއީ މި ފަދަ ވިޔަފާރީގައި ވަގުން ގެންގުޅޭ އެންމެ ބޮޑު އެއް އުކުޅަށް ވާތީއެވެ.