ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދިޔަ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑު ހައުސް ހުޅުވައިދެއްވުމަށް ރޭ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ކަމުގައި ފާހަގަ ކުރަށްވައި، އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ނައިބު ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، ހިންގުމުގެ ދާއިރާގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވިސްނަންޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ނައިބު ރައީސް ފައިޞަލް ވަނީ ޒުވާނުންނަކީ މަސައްކަތްތެރި، އެފެއްދުންތެރި އަދި ޤައުމަށް ފައިދާހުރި ބަޔަކަށް ވުމަށް ޢަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރަށްވާ ފައެވެ.

ހުޅުމާލެ ބިލިއާޑު ހައުސް ރޭ ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު, ނައިބު ރައީސް ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑު ކުޅުންތެރިޔާ ކަމުގައިވާ އައިމިނަތު ފާތީއާއެކު ބިލިއާޑު މެޗެއް ކުޅުއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުގެ އިތުރުން މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.