ކޯވިޑްގެ ސަބަބުން ބަންދުކުރި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 317 ޓޫރިސްޓް ފެސިލިޓީއަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ''ފަލަ ސުރުޚީ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޟާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރީގައި ހާހެއްހާ ޓޫރިސްޓް ފެސިލިޓީ ރަޖިސްޓަރީ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރިޒޯޓާއި، ސަފާރީއާއި، ސިޓީ ހޮޓާ، ގެސްޓުހައުސް ހިމެނޭހެން 317 ޓޫރިސްޓް ފެސިލިޓީއަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ހުއްދަ ދެވިފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ ހުއްދަ ދޫކުރެވިފައިވާ ފެސިލިޓީތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ބޮޑެތި ޓޫރިސްޓް ފެސިލިޓީތައް ހިމެނޭކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ އެނދު ހިއްސާކުރާ ނިސްބަތުގެ 50 އިންސައްތަ ފެސިލިޓީ މިހާރު ހުރީ އޮޕަރޭޝަންގައި ކަމަށް އައްސަދު ފާހަގަ ކުރެއްވިއެވެ.
ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ފަތުރުވެރިކަމުގެ ބޮޑެތި ބައެއް މާކެޓްތަކުން ފަތުރުވެރިން ގެނެވޭ ގޮތް ނުވުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް އައްސަދު ފާހަގަ ކުރެއްވިއެވެ. މިގޮތުން ޗައިނާއިން ރާއްޖެއަށް އެ ޤައުމުގެ ފަތުރުވެރިންނަށް އާދެވޭ ހުއްދަ ދީފައި އަދި ނުވުމާއި، އިންޑިއާގެ ކޯވިޑް ހާލަތުގެ ސަބަބުން އެ ޤައުމުން ފަތުރުވެރިން އަންނަން ބޭނުންވާ މިންވަރަށް އައުމަށް ހުރަސްތައް ކުރިމަތިވެފައިވުމާއި، އަދި ޔޫރަޕްގެ ބައެއް މުހިންމު މާކެޓްތައް ހުރި ޤައުމުތަކުގެ ހާލަތުވެސް ރަނގަޅު ނުވުމުން ފަތުރުވެރިން ގެނައުމުގައި ދަތިތައް ހުރިކަން އައްސަދު ފާހަގަ ކުރެއްވިއެވެ.
އައްސަދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީތަކުން މިހާތަނަށް އަމަލު ކުރަމުންއައީ އެޗްޕީއޭގެ ގައިޑްލައިނާ އެ މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ކަމަށާއި، ނަމަވެސް ދާދިފަހުން ފެސިލިޓީއަކުން ނުކުތް މައްސަލައިގެ ސަބަބުން އެ މިނިސްޓްރީން އަޅުއްވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ނިންމަވައި، މިހާރު އެ ފިޔަވަޅުތައް އާންމު ކުރަމުން ގެންދަވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުންގެ ތެރެއިން ކޯވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށާއި އަދި ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން އަމަލުކުރަމުންދޭތޯ ބަލަން "މިސްޓްރީ ގެސްޓުން" ފޮނުވަން ނިންމައިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިގޮތަށް އަންނަ ޓޫރިސްޓުން އެ ފެސިލިޓީއެއްގައި ގާއިމްކޮށްފައިވާ ޕްރޮސީޖާ އާއި ގައިޑްލައިންތަކަށް އަމަލު ކުރާ މިންވަރު މިނިސްޓްރީ އަށް ރިޕޯޓު ކުރާނެ ކަމަށެވެ.
އައްސަދު ވިދާޅުވީ އަމާޒަކީ އަހަރުގެ ބާކީ ދޮޅުމަސް ދުވަހު ރަނގަޅު ނަތީޖާއެއް ނެރުން ކަމަށާއި، މާކެޓްތަކުން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރު ކުރުން ކަމަށެވެ. އަދި މިކަމަށް ޑިޕޮލޮމެޓިކް ލެވެލެއްގައި ޤައުމުތަކާއި ދައްކަން ޖެހޭ ވާހަކަތައްވެސް ދައްކަމުންދާ ކަމަށް އައްސަދު ވިދާޅުވިއެވެ.
ކޯވިޑްގެ ސަބަބުން ބަންދުކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލީ ޖުލައި 15 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!