ދިވެހިރާއްޖޭގައިވެސް ވޭތުވެދިޔަ އަހަރުތަކުގައި ރިޔާސީ އިންތިޚާބު ތަކުގައި ވަނީ ފޯރިގަދަ ކުރިމަތިލުންތަކެއް ވޯޓު ލުމަށްފަހު ފެނިގެން ގޮސްފައެވެ. މި ގޮތުން، ދެ ޕާޓީގެ ހާސްވުންތަކާއި، ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރުމާއި، މިކަހަލަ ކަންކަމީ އަޅުގަނޑުމެންގެ ލޯ ކުރިމަތިންވެސް ހިނގާފައިވާ ކަންކަމެވެ.

ނަމަވެސް، އެމެރިކާގެ ނިމިގެންދިޔަ އިންތިޚާބުގައި ނާކާމިޔާބު ވަޑައިގަތް އެމެރިކާގެ އެންމެ ފަހު ދައުރުގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައި ނުގަންނަވާ ޚަބަރު އެއްސެވީ ތަފާތު ގޮތަކަށެވެ. އެމެރިކާގެ މީޑިޔާ ތަކުން މި ޚަބަރު ފޯރު ކޮށްދިން އިރު، ޓްރަމްޕް ހުންނެވީ ގޮލްފް ކުޅުއްވާށެވެ.

Ad
rt

ރައީސް ޓްރަމްޕްވަނީ ވޯޓު ގުނުމުގެ އެންމެ ނާޒުކު ވަގުތުކޮޅު ބައްލަވާފައި ވައިޓް ހައުސްއިން ނުކުމެވަޑައިގެން ގޮސްފައެވެ. "ބެޓްލް ގްރައުންޑް" ސްޓޭޓް ތަކުގެ ވޯޓުތައް ހޮނިހިރު ދުވަހު ހެނދުނު ގުނަން ފެށި ނަތީޖާއާއި ހަމައަށް ދިޔައިރު، ޓްރަމްޕްވަނީ ވައިޓްހައުސް ދޫކުރައްވައި ގޮސްފައެވެ.

ބައިޑެން ހޯއްދަވަމުން ގެންދަވާ ކާމިޔާބީ އަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ހެކިވަމުން ދިޔަ އިރު، ޓްރަމްޕް މާ ގަޔާވާ ކަމެއް ފެނިވަޑައިގެން މި ވަނީ ވައިޓްހައުސް ދޫ ކުރައްވައި ވާރޖީނިއާގައި ހުންނަ ޓްރަމްޕް ނެޝެނަލް ގޮލްފް ކޯސްއަށް ވަޑައިގެންފައެވެ.

ޓްރަމްޕް މި ސަރަހައްދުގައި ގޮލްފް ކުޅުއްވަމުން ދިޔަ އިރު، އެމެރިކާގެ މަޝްހޫރު ޓީވީ ނޫސް ޗެނަލްތައް ކަމަށްވާ ސީއެންއެން، އެންބީސީ، އޭބީސީ ފަދަ ނޫސް ތަކުން ދިޔައީ ހޫނު ހަބަރުތައް ލައިވްކުރެވޭތޯ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، މި ގަޑި ކޮޅުގައި ޓްރަމްޕް ވައިޓްހައުސްއިން ވަޑައިގެންނެވުމުން އޭނާގެ އެއްވެސް ބަސްފުޅެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޓްރަމްޕްގެ އޮފީހުން ބައިޑެން މޮޅުވަމުންދަނީ ރަނގަޅަކަށް ނޫން ކަމަށް ބުނަމުން ދިޔަ އިރުވެސް ޓްރަމްޕް ހުންނެވީ ގޮލްފް ކުޅުއްވާށެވެ. އޭގެ ފަހުންވެސް މީސް މީޑިޔާގައި ޓްރަމްޕްގެ ތަފާތު އެކި އެކި ކަންކަމުގެ ވާހަކަ މިދަނީ ދެކެވެމުންނެވެ. އޭގެ ތެރޭގައި، އަލަށް ކައިވެނި ކޮށްފައިވާ ދެ މަފިރިންގެ ކައިރީ ހުއްޓިވަޑައިގެން ފޮޓޯ ނެންގެވިތަންވެސް ވަނީ މީސްމީޑިޔާގައި ދައުރުވާން ފަށާފައެވެ.

ކޮންމެއަކަސް، ޓްރަމްޕްގެ ރިޔާސީ ދައުރު މިވަނީ ނިމިފައެވެ. ޓްރަމްޕް އެންމެ މުހިންމު ވަގުތުގައި ގޮލްފް ކުޅުއްވަން ވަޑައިގެންނެވުމުން މިވަނީ މިކަމާއި މެދުވެސް ގިނަ ބަޔަކު ވާހަކަ ދައްކާފައެވެ. މިއީ ސިކުނޑި ހަމަޖައްސާލައްވަން ޓްރަމްޕް ކުރެއްވެވި ކަމަކަށްވެސް ނުވެދާނެ ހެއްޔެވެ؟