އުތުރުގެ އަތޮޅު ތަކަށް މޯލްޑިވްސް މީޓްއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) ނެރުނު ހުދު ސަމާލުގެ ވަގުތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން އެންމެ ފުރަތަމަ ހުދު ސަމާލެއް ނެރެފައިވަނީ މިއަދުގެ12:15 ގަ އެވެ. އޭގެ ފަހުން މިރޭ 21:00 އަށް އިތުރު ކުރުމަށްފަހު އަނެއްކާވެސް ސަމާލުގެ ވަގުތު އިތުރުކޮށްފައިވަނީ މިރޭ ދަންވަރު 02:00 އަށެވެ.

Ad
rt

މިއަދު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހި ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލަރޓްގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި, އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގެ ބައެއް ސަރަހައްދުތަކުގައި މިއަދު މެންދުރު ފެންބޮޑުވުމާއި ގުޅިގެން ސިފައިން ވަނީ ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. އަދި ބ. ހިތާދޫއިން އެ އަތޮޅު މުތާފުއްޓަށް ދަތުރުދިޔަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން އެނބުރި ރަށަށް ދަތުރުނުކުރެވުމުން، އެ މީހުންނަށްވެސް ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މުތާފުއްޓަށް ދަތުރުދިޔަ ޓީމުގައި 5 އަންހެނުންނާއި 6 ކުޑަކުދިން ހިމެނެއެވެ.

ރާއްޖެއަށް މޫސުމް ގޯސްވަމުން އަންނާތީ މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންނާއި، އެމްއެންޑީއެފުންވެސް އިލްތތިމާސްކުރައްވައެވެ.