ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ދިވެހިރާއްޖޭގެ ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި، އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2020" ނަމުގައި ފުޓްސަލް ލީގެއް ފަށައިފިއެވެ.
03 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު މި މުބާރާތް ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޑަ ރަސްމިއްޔާތަކާއިއެކު ފަށާފައިވާއިރު، ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމެންޓް ޔޫތް އެގްޒެކެޓިވް ޝައުފާ އިބްރާހިމް ހިލްމީއެވެ.
މި މުބާރާތުގައި ފަސްޓީމަކުން ބައިވެރިވެފައި ވާއިރު އެ ޓީމް ތަކަކީ ޓާފް ކުއީން، ޒީރު ސްޓާރސް، ސީއެސް ވިމެންސް، ރެހެންދި އަދި ޓީމް ސަންދިޔާއެވެ. މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރުގައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޓާފް ކުއީންއާއި ޒީރު ސްޓާރސްއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޓާފް ކުއީންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓާފް ކުއީންގެ ޖޯޒީ ނަމްބަރު 5 ޝަހީމާ ހަސަންއެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ސީއެސް ވިމެންސްއާއި ޓީމް ރެހެންދިއެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ސީއެސް ވިމެންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރު 10 ޝަހުލާ އާދަމްއެވެ.
މި ބާރާތުގެ ތިންވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ސީއެސް ވިމެންސްއާއި ޓީމް ސަންދިޔާއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ސީއެސް ވިމެންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރު 27 އާލާ އަޙްމަދެވެ.
މި މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޒީރު ސްޓާރސްއާއި ރެހެންދިއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޒީރު ސްޓާރސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒީރު ސްޓާރސްގެ ހަނީފާ އަބްދުﷲއެވެ.

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ރައީސް ޖައިލަމް ޝާހް މުބާރާތާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ރާވާ ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ ކަނބަލުންގެ މެދުގައި ކުޅިވަރު ކުޅުމަށް ޝަޢުޤު އުފައްދައި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަކީ ވެސް މި މުބާރާތް ހިންގުމިގެ މަޤުޞަދެއްކަމުގައެވެ.
މިއީ ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ މެއިން ސްޕޮންސާއަކީ މަންނާމްއެވެ.

ކުމުންދޫ ޔޫތު ސްޕޯޓްސް ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރު ރަޖިސްޓަރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި އެކު 2011 ވަނަ އަހަރުން ފެށިގެން ޖަމްޢިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށްފަހު އަލުން ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރުމަށްފަހު، ޖަމްޢިއްޔާގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ފުރަތަމަ ހިންގާ ހަރަކާތަކީ މި ފުޓްސަލް މުބާރާތްކަން އެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!