ބިމާއި ފަޅު އަދި ފަރުތަކުން ކުލީގެ ގޮތުގައި ދައުލަތަށް މިހާރު ލިބޭ އާމްދަނީގެ 40 ޕަސެންޓް އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ދޭން ފަށާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކައުންސިލުތަކަށްދޭ "ކަންގަތި" އެވޯޑް ދިނުމަށް ކ ހުރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިދާރީގޮތުންނާއި ސިޔާސީގޮތުން ރާއްޖެ ލާމަރުކަޒުކުރެވިފައިވާއިރު، މާލީގޮތުން ރާއްޖެ ލާމަރުކަޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް. ކައުންސިލްތަކަށް އެކިއެކި ފީތަކުން ލިބޭ އާމްދަނީ، ކައުންސިލްތަކަށް ލިބޭގޮތަށް ހަމަޖެހިގެންދާނެކަމަށާއި އެއާއެކު ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެ، މިހާރަށްވުރެ ބޮޑަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށާއި މީގެ އިތުރުން ދިރިއުޅޭ ރަށުގެ އިހުތިސޯސްގައިވާ ބިމުގެ ކުލީގެ ޕަސެންޓެއް ކައުންސިލްތަކަށް ހަމަޖެހިގެންދާނެ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން އެންމެ ބޭނުންވާގޮތަށް ކައުންސިލްތަކުގެ ދުވެލި ފެނިގެންދާނީ 2020 ވަނަ އަހަރުގެ ބަޖެޓުން،"
މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަކުރުމާއެކު، މިހާރު ކައުންސިލްތަކަށް ދޭ ބަޖެޓަށް ބަލާއިރު މިއީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.
އެލްޖީއޭ އާއި ހަވާލާދީ މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލްތަކުގެ ހިސާބުތައް ބެލެހެއްޓުމަށް އެލްޖީއޭ އިން ތައްޔާރުކުރާ ސޮފްޓްވެއާ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ކައުންސިލުތަކަށް ފޯރުކޮށްދޭނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ފުރިހަމަކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާނީ ކައުންސިލުތައް ހިންގަން ތިބި ފަރާތްތައް ކަމަށާއި ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ އެއްގޮތަށް ކަންތައްކޮށްގެން ނޫނީ އެ ނިޒާމުގެ ފުރިހަމަކަން ރައްޔިތުންނަށް ނުފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ޒިންމާދާރުކަމާއެކު ކައުންސިލަރުންގެ ޒިންމާ އަދާކުރެއްވުމަށް އެދިލައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދިނުން ހުއްޓަލާފައި ވަނިކޮށް، މި ސަރުކާރުން އެ ފައިސާ ޖަމާކޮށްދޭން ފަށާފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!