އިންގްލިޝް ޕްރިމިއަރ ލީގްގައި މިރޭ ކުޅެވުނު މެޗްތަކުން ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް މޮޅުވި އިރު ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

މެންޗެސްޓަރ ސިޓީ މިރޭ ބްރައިޓަންގެ މައްޗަށް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ސިޓީގެ އިއްތިހާދު ސްޓޭަޑިއަމްގައި ކުޅުނު މިމެޗްގެ ފުރަތަމަ ގޯލް މެޗް ފެށުނުތާ މާގިނައިރެއްނުވެ މެޗްގެ ދެވަނަ މިނިޓްގައި ޑޭވިޑް ސިލްވާ ތަނަވަަސްކޮށްދިން ފުރުސަތަކުން ކާމިޔާބް ކޮށްދިނީ ކެވިން ޑެ ބްރުއެންއެވެ. ސިޓީގެ ދެވަނަ ގޯލާއި ތިންވަނަ ގޯލް ކާމިޔާބްކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެ. ސިޓީގެ ފަހު ގޯލް ކާމިޔާބް ކޮަށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރ ބެނަރޑޯ ސިލްވާއެވެ.

Ad
rt

ލިވަޕޫލް މިރޭ ވަނީ ބާންލޭއާއި ދެކޮޅައްކުޅެ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ބާންލޭގެ ދަނޑުގައި ކުޅުނު މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ގޯލަކީ ބާންލޭގެ ކްރިސް ވޫޑް ގެ އަތުން ބައިކޮޅަށް ވަތްގޯލެކެވެ. ލިވަޕޫލެގެ އަނެއް ދެގޯލް ކާމިޔާބްކޮށްދިނީ ސާޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯއެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވިހަމައެނި ޓީމަކީވެސް ލިވަޕޫލެވެ. މިރޭގެ މޮޅާއިއެކި ޕްރިމިއަރ ލީގުގައި ޖެހިޖެހިހެން 13 މެޗުން މޮޅުވެ ލިވަޕޫލް ވަނީ އެކްލަބްގެ އާ ރެކޯޑެއް ހަދާފައެވެ.

މިރޭ ޗެލްސީގެ އަމިއްލަ ދަނޑު ކަމަށްވާ ސްޓްމްފޯޑް ބްރިޖްގައި ކުޅުނު މެޗް މި ސީޒަނަށް އަލައް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ޝެފީލްޑް ޔުނައިޓެޑް އަތުން ވަނީ 2-2 ން އެއްވަރުވެފައެވެ. މި މެޗް ގައި ޗެލްސީގެ ސްޓްރައިކަރ ޓެމީ އަބްރަހަމް ދެ ގޯލް ޖަހާ ފައި ވަނިކޮށް ޝެފީލްޑް ޔުނައިޓެޑްއިން ވަނީ މެޗް ގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކޯލަމް ރޮބިންސަން ޝެފީލްޑް ޔުނައިޓެޑްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިންއިރު އެޓީމްގެ ދެވަނަ ގޯލަކީ މެޗްނިމެން އެންމެ މިނިޓަކަށްވެފައި ވަނިކޮށް ޗެލްސީގެ ކަރޓް ޒޫމާ އަތުން ބައިކޮޅައް ވަތްގޯލެކެވެ. ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ޗެލްސީގެ ކޯޗްކަމާ މި ސީޒަންގައި ހަވާލުވިފަހުން ޗެލްސީގެ އަމިއްލަ ދަނޑުގައި އަދި މޮޅުވެފައެއްނުވެއެެވެ.

ޯޕްރިމިއަރ ލީގްގެ އެންމެ ކާމިޔާބް ޓީމްކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑް މިރޭ ސައުތުއެމްޓަންއާއި ދެކަޮޅައް ސައުއެމްޓަންގެ ދަނޑުގައި ކުޅެ ވަނީ 1-1 ން އެއްވަރުވެފައެވެ. މިމެޗްގައި ފުރަތަމަ ގޯލްޖަހާ ކުރި ހޯދީވެސް މެންޗެސްޓަރ ޔުނައިޓެޑްއިންނެވެ. މެޗްގެ 10 ވަނަ މިނިޓްގައި ޔުނައިޓެޑް ޑެނިއެލް ޖޭމްސް ގޯލްޖަހާފައި ވަނިކޮށް މެޗްގެ ދެވަނަ ހާފްގައި ޖެނިކް ވެސްޓަގާޑް ވަނީ ސައުތްއެމަޓަންއަަަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗްގެ 73 ވަނަ މިނިޓްގައި ސައުތެއެމްޓަންގެ ކެވިންޑަންސޯ އަށްވަނީ ދެވަނަ ރީނދޫ ކާޑަކާއި އެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.