ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ޒީނާ މަޤާމުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ މައްސަލަ ކޮމިޓީން ބަލައި މަޤާމުން ވަކިކުރަން ތަޅުމަށް ފޮނުވާފައިވަނީ އިންސާފުންކަމަށް ޤަބޫލުނުކުރައްވާކަމަށާއި އަދި އޭނާ މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ ޒިންމާދާރުކަމާއެކުކަމަށް ވިދާޅުވެފައެވެ. އަދި، ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް އެކުލެވޭ ތުހުމަތުތަކެއް ނޫންކަމަށް ޒީނާ ވިދާޅުވެފައިވެ އެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާފައިވާ މައްސަލަތަކުގެ ތެެރޭގައި ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމާއި ވަކިސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމުންފަދަ މައްސަލަތައް ހިމެނެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރީ ސަރުކާރުން އައްޔަންކޮށްފައިވާ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައިވާއިރު، އެ ކޮމިޝަންގެ މެމްބަރު ކަމުގައި ހުންނެވި ފާތިމަތު ޒައިނާ ވަނީ މަޖިލީހުގައި އިތުބާރު ނެތްކަމަށް ފާސްވުމުން މަޤާމުން ވަކިކޮށްފަ އެވެ.
މީގެ އިތުރުން ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!