ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން އެކި ޤައުމުތަކަށް ދަތުރު ކުރުމަށް އިނގިރޭސި ރައްޔިތުންނަށް ލުއިދޭ މަންޒިލްތަކުގެ ލިސްޓުގައި، އެ ޤައުމުގެ ސަރުކާރުން ރާއްޖެ ހިމަނައިފިއެވެ.
އިނގިރޭސިން ދަތުރުކުރަން "ރައްކާތެރި މަންޒިލެއް"ގެ ގޮތުގައި، އިނގިރޭސި ފޮރިން އޮފީހުން ނެރޭ "ޓްރެވަލް ކޮރިޑޯ" ލިސްޓްގައި ރާއްޖެ ހިމެނީ އިއްޔެއެވެ.
މި ބަދަލާއިއެކު ރާއްޖެ އަށް އިނގިރޭސިވިލާތުން ޒިޔާރަތްކުރާ މީހުން އެނބުރިގޮސް އެ ގައުމުގައި ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
ރާއްޖެއާއެކު އިނގިރޭސީވިލާތުން އެ ލިސްޓަށް އިތުރުކުރި މަންޒިލް ތަކުގެ ތެރޭގައި ގްރީސްގެ މިކޮނޮސް އާއި ސްޕެއިންގެ ކެނަރީވެސް ހިމެނެއެވެ.
ރާއްޖެ އިނގިރޭސިވިލާތުގެ ރައްކާތެރިކަމުގެ ލިސްޓުގައި ހިމެނިއިރު، އެ ގައުމުގެ ގައުމީ އެއާލައިން "ބްރިޓިޝް އެއާވޭސް" އިން ވަނީ މިމަހުގެ 17 އިން ފެށިގެން ރާއްޖެއަށް ދަތުރުވެސް ފަށާފަ އެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ވޭތުވި ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 27،217 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ހުސްވި ހަފުތާގައި އިމިގްރޭޝަނުން އާންމުކުރި ހިސާބުތަކުން ވަނީ ހާމަ ވެފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގެ ގެސްޓްހައުސްތައް ވެސް މިމަހު 15 އިން ފެށީގެން ވަނީ ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!