ކޯވިޑް-19 ގެ ވެކްސިންއެއް އިޖާދު ކުރެވިދާނެ ކަމަށް ބަލައި، 2021 ވަނަ އަހަރުގެ ތެރޭގައި 1 ބިލިއަން ސިރިންޖު އުފެއްދުމުގެ މަސައްކަތް ޔުނިސެފްއިން ފަށައިފިއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކަކުން މި ބައްޔަށް ވެކްސިންއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޔުނިސެފްގެ ފަރާތުން މިވަނީ އުފެއްދިދާނެ ވެކްސިންއަކަށް ތައްޔާރުވުމުގެ ގޮތުން އެ ވެކްސިން ރައްކާތެރި ކަމާއި އެކު ދުނިޔޭގެ އާބާދީއަށް ރައްދުކުރެވޭނެ ގޮތްތަށް ހޯދަން ފަށާފައެވެ.
ކޯވިޑް-19 އަށް އެކަށޭނަ ވެކްސިންއެއް ވުޖޫދަށް އައިސް، ތަހުލީލީ މަރުހަލާތައް ނިމި، އާންމުންގެ ގަޔަށް ޖެހުމުގެ ލައިސަންސް ލިބޭ ހިސާބުން ފެށިގެން ވެކްސިން ޑޯސޭޖުތަކާއި އެއްވަރަށް ސިރިންޖުވެސް ބޭނުންވާނެއެވެ. މިކަމަށް މަސައްކަތް ފެށުމުގެ ގޮތުން، މިއަހަރު ނިމެންވާ އިރަށް ޔުނިސެފްއިންވަނީ އެ ޖަމިއްޔާގެ ގުދަންތަކުގައި 520 މިލިއަން ސިރިންޖު ރައްކާ ކުރުމުގެ މަސައްކަތްތަށް ފަށާފައެވެ. އަދި އެ ޖަމިއްޔާގެ ދުރުރާސްތާ ޕްލޭންގައި ލިޔެވިފައިވާ ގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި 1 ބިލިއަން ސިރިންޖު އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.
ޔުނިސެފްއިން ޤަބޫލު ކުރާ ގޮތުގައި، 2021 ވަނަ އަހަރުގެ ތެރޭގައި މި ބައްޔަށް ވެކްސިންއެއް ލިބޭ އިރު، އެ ޖަމިއްޔާގެ ފަރާތުން 1 ބިލިއަން ސިރިންޖު ރައްކާތެރިކަމާއި އެކު ދުނިޔޭގެ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ވަނީ ތައްޔާރުވެފައެވެ. ޔުނިސެފްއިން އަންނަނީ މި ބަލީގެ އިތުރުން، ހިމަބިހި ފަދަ ބަލިތަކަށްވެސް ބޭނުންވާނޭ ސިރިންޖު ފޯރުކޮށްދެމުންނެވެ.
ސިރިންޖުގެ އިތުރުން، ޔުނިސެފުން ވަނީ ސިރިންޖު ބޭނުން ކުރުމަށްފަހު އެޅުމަށް ޚާއްސަ "ސޭފްޓީ ބޮކްސް" ގެ 5 މިލިއަން ފޮށިގަނޑުވެސް ގަނެފައެވެ. މިއީ، ވެކްސިން ޖެހުމަށްފަހު، ސިއްޙީ އިދާރާތަކުން ސިރިންޖުތައް ރައްކާތެރިކަމާއި އެކު ނައްތާލުމަށް އެހީވެދިނުމުގެ ގޮތުން އެ ޖަމިއްޔާއިން ގަތް ފޮށިގަނޑުތަކެކެވެ. މިއީ އެއް ސިރިންޖު ބޭނުން ކުރުމަށްފަހު އަނެއްކާ ބޭނުން ކުރުމުން ދުރުކޮށްދިނުމަށާއި، މިކަމުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތަކުން މުޖުތަމަޢުތައް ރައްކާތެރި ކުރުމުގެ ގޮތުން އަޅާ މުހިންމު ފިޔަވަޅެކެވެ. މީގެ ކޮންމެ ފޮށިގަނޑަކަށް 100 ސިރިންޖު އެޅޭނެއެވެ.
ުޔުނިސެފްއަކީ މި ވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ޢަދަދެއްގެ ވެކްސިން ގަންނަ ފަރާތެވެ. ކުރީ އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފެތުރިދާނެ ބަލިމަޑުކަމަކަށް ބޭނުންވާ 2 ބިލިއަން ޑޯސޭޖުގެ ވެކްސިން 100 ޤައުމަކަށް ކޮންމެ އަހަރަކުވެސް ޔުނިސެފުން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ދުނިޔޭގެ ދެބައި ކުޅަ އެއްބައި ޤައުމުތަކަށް ކޮންމެ އަހަރަކުވެސް ބޭނުންވާ 800 މިލިއަން ސިރިންޖު ޔުނިސެފުން އަންނަނީ ފޯރުކޮށްދެމުންނެވެ. ކޯވިޑް-19 ގެ ސަބަބުން، މި ބައްޔަށް ވެކްސިންއެއް އުފެދިއްޖެ ކަމުގައިވާ ނަމަ، މި ޢަދަދުތައް 4 ގުނަ ނުވަތަ 5 ގުނަ އަށް އިތުރުވުން ގާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!