އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަމުން ގެންދާކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި، ވޯލްޑް މެންޓަލް ހެލްތު ޑޭ އާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބުލިޔު އެޗްއޯއިން ކުރިޔަށް ގެންދިޔަ، ދަ ބިގް އިވެންޓް ފޯރ މެންޓަލް ހެލްތުގައި ބައިވެރިވެ ވަޑައިގެން ދެއްވި މެސެޖުގައެވެ.

Ad
rt

ދިވެހި ބަހުން ރައީސުލްޖުމުހޫރިއްޔާ ދެއްވި މި މެސެޖުގައި ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ޤާއިމް ކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ކަމަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ، ސެންޓަރ ފޯ މެންޓަލް ހެލްތާއި، އަމިއްލަ ކުލިނިކާއި، ހަސްފަތާލުތަކުން އާސަންދަ މެދުވެރިކޮށް މިފަދަ ބަލިތަކަށް ބޭނުންވާ، ބައެއް ޚިދުމަތްތައް ފޯރުކޮށްދެވެމުން، އަދި އަތޮޅުތަކުގައިވެސް މިޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާއިރު، މިފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ދަނީ ފިޔަވަޅުތައް އަޅަމުން

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރަމުން ދާއިރު، ވިސްނާލަންޖެހޭ މުހިއްމު އެއް ކަމަކީ، ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައި ވަނީ، ތިމާގެ ނަފްސާނީ ދުޅަހެޔިކަމުގެ މައްޗަށް ކަމަށާއި ދިވެހި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް، ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ އެއީ ކަމުގައެވެ.

ނަފުސާނީ ބަލިތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަން ޔަޤީންކޮށްދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ. ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަން، ހަނދާންކޮށްދެއްވައި، މިއީވެސް ސީރިއަސް އަދި ކަންބޮޑުވާންޖެހޭ ބަލިތަކެއް ކަމުގައި ދެކި، އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން، އެކަނިވެރިވިޔަ ނުދީ، އެމީހުންނާއި އެކު ތިބިކަން އަންގައިދީ، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށް ދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

"ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް" ގެ ނަމުގައި ޑަބްލިޔު.އެޗް.އޯ. އިން އިސްނަގައިގެން އޮންލައިންކޮށް މިފަދަ ހަރަކާތެއް ބާއްވާފައިވާ، މިއީ ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ހަރަކާތުގައި ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި ޑަބްލިޔު.އެޗް.އޯ. ގެ ޑިރެކްޓަރ-ޖެނެރަލާއި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ޑަބްލިޔު.އެޗް.އޯ. ގެ ބައެއް ގުޑްވިލް އެމްބެސެޑަރުންނާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، މިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި، ބައެއް ޤައުމުތަކުގެ އިސް ލީޑަރުން ހިމެނިވަޑައިގަންނަވައެވެ.