އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
ޗެލްސީގެ ސްޓޭމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ކާމިޔާބު ކުރި ދެ ލަނޑުން ލިވަޕޫލް މޮޅުވި މި މެޗު ފަށައިގެން އެ ޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާ މި މެޗުގައި ޗެލްސީއަށް މައްސަލަތަކާއި ކުރިމަތިވެފައިވަނީ އެ ޓީމުގެ ޑިފެންޑަރު ކްރިސްޓެންސެންއަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން މާނޭއަށް ކުރި ފައުލަކާއި ގުޅިގެން ކްރިސްޓެންސެންއަށް ރެފްރީ ފުރަތަމަ ދައްކާފައިވަނީ ރީނދޫ ކާޑެކެވެ. ނަމަވެސް ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބަލައި ނިންމުން ބަދަލުކޮށް އެ ފައުލާއި ގުޅިގެން ކްރިސްޓެސެންއަށް ސީދާ ރަތްކާޑު ދައްކާފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފަށް ޗެލްސީ ނުކުމެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޗެލްސީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލިވަޕޫލުން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ލިވަޕޫލުން ކާމިޔާބުކޮށް ލީޑުވަނީ ފުޅާކޮށްފައެވެ. މި ދެލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ އިތުބާރު ފޯވާޑް މާނޭއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ތެރެއިން ލިވަޕޫލުގެ މިޑްފީލްޑް ކުޅުންތެރިޔާ ތިއާގޯ، ޗެލްސީގެ ފޯވާޑް ވާނާއަށް ކުރި ފައުލަކާއި ގުޅިގެން ޗެލްސީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޓީމުގެ މިޑްފީލްޑް ކުޅުންތެރިޔާ ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ލިވަޕޫލުގެ ކީޕަރު އެލިސަންވަނީ ދިފާއުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!