ފެނަކަ ކޯޕަރޭޝަންގެ ހިންގުން އައި އެސް އޯ ސްޓޭންޑާރޑްއަށް ގެނެސްފި އެވެ.
ފެނަކައިންވަނީ ކޮލިޓީ މެނޭޖްމަންޓް އާއި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީގެ 2 ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.
ISO 9001:2015 (ކޮލިޓީ މެނޭޖްމަންޓް) އަކީ ބައިނަލްއަޤުވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށް ފެންނަހެން ހަރުދަނާ ނިޒާމެއްގެ ތެރެއިން ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ޚިދުމަތްތަކެއްތޯ ބަލާނެގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވައިލެވިފައިވާ މިންގަނޑުތަކެކެވެ.
ISO 45001:2018 (އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ) އަކީ ބައިނަލްއަޤުވާމީ ގޮތުން މަސައްކަތުގެ މާހައުލުގައި އެކަށޭނެ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެޅި ޢަމަލުކުރެވެމުން ދޭތޯ ބެލުމަށްޓަކައި އެކުލަވައިލެވިފައިވާ މިންގަނޑުތަކެކެވެ.
މި މިންގަނޑުތައް ކުންފުނީގައި ޤާއިމްކުރެވި ޚިދުމަތް ދިނުމުގައިވެސް މިންގަނޑުތަކަށް ފެތޭގޮތުން ޚިދުމަތްދިނުން ބައްޓަންކުރެވިފައި ވުމާއިއެކު މިހާރުވަނީ އައި އެސްއޯ އަށް ސާރޓިފައިވެފަކަމަށް އެކުން ފުނިންވަނީ ބުނެފަ އެވެ.
އައި އެސް އޯ އަށް ސާރޓިފައި ވުމަށް އެކުންފުނިން ކުރެވުނު މަސައްކަތުން މިހާރު ކުންފުނީގެ ލަނޑުދަނޑިއާއި، ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުޞޫލުތަކާއި، ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި، މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި، މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި ޢަމަލު ކުރެވެމުންދާނެކަމަށް ބުނެފައިވެ އެވެ.
އައު މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާރޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއިއެކު އަދި މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާރފޯމަންސް އިންޑިކޭޓާރސް އާއި ގުޅުވިފައި ހުންނާނެކަމަށް އެކުންފުނިން މަޢުލޫމާތުދެ އެވެ.
މީފާއިތުވެ ދިޔަ މާޒީގައި ޢާއްމު ރައްޔިތުންގެ މެދުގައި ފެނަކަ އާއިމެދު ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދާ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެފުށްފެންނާނެހެން ނަޒާޙަތްތެރިކަމާއިއެކު ކުރެވުނު މަސައްކަތުން ޚިދުމަތް ދިނުމަށް އެކަށޭނަ ވަޞީލަތް ޤާއިމްކުރައްވާ، ރާއްޖޭގެ މި ހައްސާސީ ވަގުތުވެސް ކުންފނީގެ ހިންގެވުން ސާބިތުކަމާއެކު މަޑުޖައްސާލުމަކާނުލާ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢިދާއި ކުންފުނީގެ ހީވާގި މުވައްޒަފުން އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނަތްތެރިކަމާއިއެކު ކޮށްދެއްވި އަގުހުރި އެހާމެ ބުރަ މަސައްކަތުގެ ނަތީޖާއަކީ ކުންފުނީގެ ހިންގުން އިހުނަށްވުރެ ވަރުގަދަވެ ހަރުދަނާ ކަމާއިއެކު ހިންގަމުން ދިއުމެވެ.
މިކާނިޔާބީއާއިއެކު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢިދު ކުރެއްވި ޓުވިޓެއްގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ހިންގުން އައިއެސްއޯ ސްޓޭންޑަރޑްއަށް ގެނެވުނީތީ އުފާކުރާކަމަށާއި ފެނަކައިގެ ލޮބުވެތި މުރާލި މުވައްޒަފުންނަށް ޝުކުރު އަދާކުރާކަަމަށެވެ.
ކުންފުނީގެ ހިންގުމަށް އައި ފުރިހަމަ ބަދަލާއިއެކު ލިބުނު އެންމެ ބޮޑު ހިންހަމަޖެހުމަކީ 2018 ވަނަ އަހަރާއި ހަމައަށް ކުންފުނި ހިންގަމުންދިޔައީ ދަރަނީގެ ތައްގަނޑު ޖަހައިގެންކަމަށް ވީނަމަވެސް ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ނިންމާލީ ކުންފުނީގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ފެނަކަ ކޯޕަރޭޝަން އަރަނި ކުންފުންޏެއްގެ ގޮތުގައި ނަފާ ތައްގަނޑު ޖަހައިގެންނެވެ. ކުންފުނީގެ ހިންގުމަށް އައި ހެޔޮބަދަލަށްވީއިރު، ކުންފުނީގެ ޚިދުމަތުގައި ތިއްބެވި މުވައްޒަފުން ތިބެ ހަމައެކަނި އައި ބަދަލަކީ ކުންފުނި ހިންގެވުމަށް ސަރުކާރުން ތަފާތު ވެރިއެއް އައްޔަންކުރެއްވުމެވެ. މީ ޒިންމާދާރުކަމާއި އިހްމާލުވުމާހުރި ފަރަގެވެ. މިއަދު ކުންފުނީގެ މުވައްޒަފުންނަކީ ނަޒާޙަތްތެރި ކަމާއިއެކު ޙަލާލު މަސައްކަތުން ތާހިރު ދިރިއުޅުމަކަށް ވާޞިލްވުމަށް ކަމަރުބަނދެގެން ތިއްބެވި ކުންފުންޏާއިމެދު ފަޚުރުވެރިވާ މުވައްޒަފުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!