އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން ހޮނިހިރު ދުވަހު ފަށާފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި އަދި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެ ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ހޮނިހިރު ދުވަހިގެ ރޭ އެންފީލްޑުގައި ލިވަޕޫލް ބައްދަލު ކޮށްފައިވަނީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑާއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުން ބަލިވި ނަމަވެސް ލީޑްސްއިން ވަނީ ޗެމްޕިއަން ލިވަޕޫލްގެ ދަނޑުގައި މޮޅުކުޅުމެއް ދައްކާފައެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަތަރުވަނަ މިނެޓުގައި ލިވަޕޫލުން ކާމިޔާބުކޮށް ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. އެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މުޙައްމަދު ސަލާހްއެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި ޖެކް ހެރިސަން ވަނީ ލީޑްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެންޑީ ރޮބަޓްސަން ނަގައިދިން ކޯނަރަކުން ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޑިފެންޑަރު ވާޖިލް ވެން ޑައިކް ލިވަޕޫލަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް އެ ހާފުގެ 30 ވަނަ މިނެޓުގައި ލީޑްސްގެ ފޯވާޑް ބަމްފޯޑް ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭގެ ތިން މިނެޓް ފަހުން ސަލާހް ކާމިޔާބުކުރި ލަނޑާއި އެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 3-2 ގެ ނަތީޖާއިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މުޅި މެޗުގައި ވެސް ލީޑްސް ޔުނައިޓެޑް ގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހިތްވަރުގަދަ ކުޅުމެކެވެ. މިގޮތުން ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ހެލްޑާ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މަޓެއުޒް ކްލިޗް ވަނީ މެޗުގެ ނަތީޖާ ތިނަވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. ލިވަޕޫލުން މެޗުން މޮޅުވިލަނޑު 88 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ސަލާހް ވަނީ މެޗުން ލިވަޕޫލް މޮޅުކޮށްދީ އަދި އޭނާގެ ހްޓްރިކް ފުރިހަމަ ކޮށްފައެވެ.
ޕްރިމިއާ ލީގުގެ ރަތަމަ މެޗުން އާސެނަލް މޮޅުވެ އެ ޓީމުން ފެށުން ރަނގަޅު ކުރިއިރު އެ މެޗުން އެ ޓީމު މޮޅުވެފައިވަނީ ފުލްހަމް އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުފަށައިގެން އާސެނަލްއިން މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑުނަގާފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ. މި ލަނޑަށްފަހު ވެސް އާސެނަލުން ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ފުލްހަމްގެ ގޯލަށް އަމާޒުކޮށް ވަނީ ފޮނުވައިލާފައެވެ.
މި ސީޒަނަށް އަލަށް އާސެނަލްއާއި ގުޅުނު ވިލިއަމް ނަގައިދިން ކޯނަރަކުން ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި އާސެނަލަށް ލީޑު ފުޅާކޮށްދީފައިވަނީ ބްރެޒިލްގެ ޒުވާން ޑިފެންޑަރު ގަބްރިއެލް މަގަލްހައެސްއެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި ވިލިއަމްގެ އެހީއާއެކު އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އާސެނަލްއިން ކާމިޔާބުކުރި ތިންލަނޑު ޖެހުމަށް ވެސް އެސިސްޓް ކޮށްދީފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ވިލިއަމްސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!