ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ޖެހިގެން މިހާތަނަށް ނުވަލައްކަ މީހުން ދުނިޔެއިން މަރުވެއްޖެއެވެ. އަދި މިހާތަނަށް 28,520,897 މިލިއަން މީހުންނަށް މިބަލި ޖެހިފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން ދުނިޔޭގެ ނިސްބަތުން ކޯވިޑް-19 ޖެހުނު މީހުން އެންމެ ގިނައީ އެމެރިކާގައެވެ. އެޤައުމުގައި މިހާތަނަށް 6.6 މިލިއަން މީހުން މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް މިބަލީގައި އެމެރިކާއިން 190000 އަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. އަދި މިއީ އެއްޤައުމަކުން އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވި ޤައުމެވެ.
ބްރެޒިލް އިން 129865 މީހުން ކޯވިޑް-19 ގައި މަރުވެފައިވާއިރު އެޤައުމުން މިބައްޔަށް ޕޮޒިޓިވް މީހުންގެ ޢަދަދު 4.24 މިލިއަން އަށްވަނީ އަރައިފައެވެ. އަދި ދެވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސްތަށް ފެނިފައިވާ ޤައުމަކަށް އަވަށްޓެރި އިންޑިއާ ވެފައިވާއިރު، އެޤައުމުން މިހާތަނަށް 4.56 މިލިއަން ކޭސް ފެނިފައިވެއެވެ.
އިންޑިއާގެ ކަމާއިބެހޭ އިދާރާތަކުން މިދިޔަ ބުދަ ދުވަހު ބުނެފައިވަނީ އެދުވަހު 95735 މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މިއީ އެއްޤައުމަކުން އެއްދުވަހު މިހާ ގިނަ ކޭސްތަށް ފެނުނު ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ ދެހަފްތާގައި އިންޑިއާއިން ދުވާލަކު ހާހެއްހާ މީހުން ކޯވިޑް-19 ގައި މަރުވެފައިވާއިރު މިހާރު އިންޑިއާ ވެފައި މިވަނީ ކޯވިޑް-19 ގައި އެންމެ ގިނަ މީހުން މަރުވާ ޤައުމަށެވެ.
ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ބައްރަކަށް އެމެރިކާ ބައްރުވެފައި ވާއިރު މިހާތަނަށް ދުނިޔެއިން މިބަލީގައި މަރުވި މީހުންގެ ދެބައިކުޅައެއްބައި މަރުވެފައިވަނީ އެމެރިކާ ބައްރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!