ނ.އަތޮޅު ހޮސްޕިޓަލުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ގުޅިގެން ކުރިއަށް ގެންދެވުނު އައުޓް ރީޗް ޕްރޮގުރާމްގެ ދަށުން ފުރަތަމަ ފަހަރަށް ކަށީގެ ހާއްސަ ދެ އޮޕަރޭޝަން ނ.އަތޮޅު ހޮސްޕިޓަލްގައި ކޮށްފިއެވެ.

8 ސެޕްޓެމްބަރ 2020 ވީ އަންގާރަ ދުވަހު އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދެވިފައި ވަނީ ޢުމުރުން 57 އަހަރުގެ ފިރިހެނެއްގެ އަތުގެ "ކަރޕަލް ޓަނަލް" ރިލީސްކުރުމަށް ކުރެވުނު އޮޕަރޭޝަނެއްގެ އިތުރުން 52 އަހަރުގެ އަންހެނެއްގެ އަތުގައި އުފެދިފައިވާ "ގޭންގްލިއަން ސިސްޓް" ނުވަތަ ލަމްޕް ނެގުމުގެ އޮޕަރޭޝަނެކެވެ.

Ad
rt

ތިލަދުން ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އިސްމާއިލް ޝަފީގް ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެއްން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގުރާމްގެ ދަށުން ޑޮކްޓަރަށް ދެއްކުމަށް މުޅި ނ.އަތޮޅަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލެވުނު ކަމަށެވެ. ފުރުޞަތު ހުޅުވާލުމާއިއެކު 100 އަށް ވުރެގިނަ ފަރާތުން ނަންނޯޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ށ.އަތޮޅުން ނަންނޯޓް ކުރި ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. މިހާގިނަ ބަޔަކު ނަން ނޯޓްކުރި ނަމަވެސް އެ ޕްރޮގްރާމް ފެށުމުގެ ކުރިން ޑޮކްޓަރު ލަފާދީފައިވަނީ ތިންދުވަހުގެ ތެރޭގައި ޚިދުމަތް ދެވޭނީ 45 ޕޭޝަންޓުންނަށް ކަމަށެވެ. ޑޮކްޓަރު ބެއްލެވި ޕޭޝަންޓުންގެ ތެރެއިން 3 ޕޭޝަންޓަކަށް އެ ހޮސްޕިޓަލްގައި ހުރި އިކުއިޕްމެންޓް ބޭނުން ކޮށްގެން އޮޕަރޭޝަން ކުރެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވުމާއިއެކު އެ ތިން ޕޭޝަންޓުންގެ އޮޕަރޭޝަންގެ އިންތިޒާމްތައް އެ ހޮސްޕިޓަލުން ހަމަޖެއްސިކަމަށެވެ. ނަމަވެސް އެއް ޕޭޝަންޓަށް ހާޟިރު ވެވިފައިނުވާތީ ކުރިއަށް ގެންދެވިފައިވަނީ ދެ އޮޕަރޭޝަނެވެ.

"ކުރިއަށް އޮތްތަނުގައި ވެސް ކުޅުދުއްފުށީ ހޮސްޕިޓަލާއި ގުޅިގެން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މިހާރުވަނީ މަޝްވަރާ ކުރެވިފައި، މި ފުރުޞަތުގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖުމަންޓަށާއި އެތަނުގެ އެންމެހާ ސްޓާފުންނަށް ތި ދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަދި ނ.އަތޮޅު ހޮސްޕިޓަލުގައި ވަސީލަތްތައް މަދުނަމަވެސް، ހުރި ވަސީލަތެއް ބޭނުންކޮށްގެން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ތަނުގެ ސްޓާފުން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން"

އިސްމާއިލް ޝަފީގް ވިދާޅުވެފައިވެއެވެ.

ނ.އަތޮޅު ހޮސްޕިޓަލުގައި މިވަގުތުވެސް އެންމެ ފަހުގެ ޒަމާނީ ސްކޭން މެޝިނެއް ހުރިއިރު ރޭޑިއޮލޮޖިސްޓެއް ނެތުމަކީ އެހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. މެޝިން ހުރިނަމަވެސް މާބަނޑު މީހުންނާއި އެނޫންވެސް ސްކޭންގެ ޚިދުމަތް ބޭނުންވާ މީހުންޖެހެނީ އެހެން ހޮސްޕިޓަލަކަށް ފޮނުވާށެވެ. އަދި ބައެއް ޙާލަތްތަކުގައި ގދ.އިން ރޭޑިއޮލިޖިސްޓަކު ގެނެސްގެންވެސް ޚިދުމަތްދޭކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން ދަތުގެ ފަރުވާދިނުމަށް ސްޕެޝަލިސްޓަކު ހުންނައިރު އެކަށީގެންވާ ވަޞީލަތްތައް ނެތުމުގެ ސަބަބުން ފުރިހަމަ ޚިދުމަތެއް ނުދެވޭކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 75 މީހުން ނ.އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދަކަމުގައި އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.