ބޮޑުތަކުރުފާނު ވެސް ދޮންބަންޑާރައިން ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެމްބަރުން ހިމެނޭ ގްރޫޕަކަށް ފޮނުއްވާފައިވާ މެސެޖެއްގައި ނަޝިދު ވިދާޅުވީ "މިހެން ބުނާއިރު މިނިވަން ކަމަކީ ކޮބައިކަން މިނަން ޖެހޭނެ. އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާގެ ސިފައިން ރާއްޖޭގައި ތިބެގެން މިނިވަންކަން ގެއްލިދާނެ ކަމަކަށް ނުދެކެން. ބޮޑުތަކުރުފާނު ވެސް ދޮންބަންޑާރައިން ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބި" ކަމަށެވެ.
މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ "ބުއްދިވެރި ގޮތަކީ ރަނގަޅު ބަޔަކާ ގުޅިގެން އުޅުން" ކަމަށާއި "އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން މިނިވަންކަމެއް ނުގެއްލޭނެ" ކަމަށެވެ.
ދިވެހިން އެހާ ގަމާރު ނުވާނެކަން ޔަގީން ކުރައްވާ ކަމަށާއި ބޭރުގެ ބޮޑު ބާރަކުން ރާއްޖެ އަރަން ވެއްޖެނަމަ އެކަން ދިވެހިންނަށް އެކަނި ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަން ދިވެހިންނަށް ވެސް އިނގޭނެ ކަމަށެވެ.
"އިންޑިއާއައުޓް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިން ރާއްޖެގައި ތިބުމާއި ދެކޮޅަށް ހިނގާ ހަރަކާތާއި ގުޅިގެން ނަޝީދު މިހެން ވިދާޅުވެފައިވާއިރު ޑިފެންސް މިނިސްޓަރ މާރިޔާވެސް ވިދާޅުވެފައިވަނީ "ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރާނެ ކަމަށް މި ސަރުކާރުން ނުކުރާނެ" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!