ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް އަވަށްޓެރި އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފިއެވެ.
މި ދެ މަތިންދާ ބޯޓުވެސް އެ އެއަރޕޯޓަށް ޖައްސާފައި ވަނީ މިއަދު ހެނދުނުއެވެ. މި ގޮތުން ޖެއްސި ފުރަތަމަ މަތިންދާ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައި ވަނީ ހެނދުނު 10:25 ހާއިރެވެ. އަނެއް ބޯޓު ޖެއްސީ އޭގެ ދިހަވަރަކަށް މިނެޓް ފަހުންނެވެ.
އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ގައި އިންޑިއާ ސިފައިން މިމަހުގެ 16ގެ ނިޔަލަށް ތިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސާފައިވާއިރު އިންޑިއާގެ ބައިވެރިވުމާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ މިއަހަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހާމަ ކޮށްފައެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް އެދުވަހު މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެދުވަހު ކުރި ޓްވީޓެއްގައިވެސް ވަނީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށް ބުނެފައެވެ.
އިންޑިއާ އާއި ރައްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ވަނީ ނިންމާފައެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!