ކަރަންޓީނު އަމުރާއި ޚިލާފުވެ ވެއްޖެ ނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް އަންނަގޮތަށް "އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ޤަވާޢިއިދު" އިސްލާޙްކޮށް އާންމު ކޮށްފިއެވެ.

އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ޤަވާޢިދަށް ގެނެސްފައިވާ އިޞްލާޙުތަކުގައި އެ ގަވާއިދުގެ 12 ވަނަ މާއްދާގެ ފަހަތަށް ވަނީ 13 ވަނަ މާއްދާ "ފިޔަވަޅު އެޅުން"، އިތުރު ކޮށްފައެވެ.

Ad
rt

މިގޮތުން އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެ ގަވާއިދުގެ ދަށުން ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިޙުތިރާމްކޮށް އާންމު ޞިއްޙަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ
ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކޮންމެ މީހަކު ވެސް އެއްބާރުލުން، ދޭންވާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެއްބާރުލުން ދިނުމެއް ނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްގެން ނުވަތަ އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފި ނަމަ، ނުވަތަ އާންމު ޞިއްޙަތު ރައްކައުތެރި ކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކައުތެރި ކުރުމަށް ކުރެވޭ މަސައްކަތުގައި ޤާއިމްކުރެވޭ އެކަހެރި ކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ހިންގުމަށް މީހަކު ހުރަސްއަޅައިފިނަމަ، އެ ކުރަނީ ކުށެއް ކަމަށެވެ.

އެ މާއްދާގައި ބުނާ ޖޫރިމަނާތައް

  • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ޚިލާފުވެއްޖެ ނަމަ، -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  • (ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ޚިލާފުވެއްޖެ ނަމަ، އަންނަނިވި ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
    (1) އަމުރާ ޚިލާފުވާ ފުރަތަމަ ފަހަރު -/2,500 (ދެހާސް ފަސް ސަތޭކަ)
    ރުފިޔާއިން ޖޫރިމަނާކުރުން؛
    (2) އަމުރާ ޚިލާފުވާ ދެވަނަ ފަހަރު -/3,500 (ތިންހާސް ފަސް ސަތޭކަ)
    ރުފިޔާއިން ޖޫރިމަނާ ކުރުން.
    (3) އަމުރާ ޚިލާފުވާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު -/5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.
  • (ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކޮށްފި ނަމަ، އެ ކަމެއް މީހަކު -/5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މި ޤަވާޢިދަށް އިތުރު ކުރެވުނު ފިޔަވަޅުތައް އަޅައި، މިކަންކަން ތަންފީޒު ކުރާނީ ފުލުހުންކަމަށް އެ މާއްދާގައި ބުނެފައިވާއިރު، ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ރަށެއްގައި ނަމަ އެކަންކަން ކުރާނީ ލޯކަލް ކައުންސިލްތަކުން ކަމަށް ވެސް އެ ޤަވާޢިދުގައި ބުނެފައި ވެއެވެ.

މި ޤަވާޢިދު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރެވުމާއިއެކު، އެ ޤަވާޢިދަށް ވަނީ އަމަލު ކުރަން ފަށާފައިއެވެ.