ފޯރިއާއިއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިދިޔަ ހުކުރު ދުވަހު ފެށި އުރީދޫ "އަތޮޅު ރަން"ގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވާ ވާޗުއަލް ރަން އަކީ މިގޮތަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ވާޗުއަލް ރަންއެވެ.

Ad
rt

5517 ދުވުން ތެރިންނާއިއެކު ކުރިއަށްދާ މި ދުވުމުގައި ރާއްޖޭގެ 200 އަށް ވުރެން ގިނަ ރަށަކުންނާއި، ބޭރުގެ ކަންކޮޅުތަކުގައި ތިބި ދިވެހިން ވެސް ވަނީ ރަޖިސްޓްރީ ވެފަ އެވެ.

މި ދުވުމުގެ މުއްދަތު އިތުރުކުރީ ރަޖިސްޓްރީވެފައިވާ ހުރިހާ ދުވުންތެރިންނަށް ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް އުރީދޫން ބުންޏެވެ. އަދި މިހާރު ދުވުން ފުރިހަމަ ކުރުމަށް މާދަމާރޭ 11:59އާއި ހަމައަށް ފުރުސަތު ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ދުވުމުގެ އެންމެ ހާއްސަ ބަޔަކީ މި ހަރަކާތުގެ 15 ކިލޯ މިޓަރު ރިލޭ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ދުވުމުގައި ބައިވެރިވީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ ހާއްސަ ދުވުންތެރިއެކެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުން މި ރިލޭގެ ފުރަތަމަ ބައިވެރިޔާ މުޙައްމަދު އަތީފް، މިދިޔަ ހުކުރު ދުވަހު ހަވީރު 16:00 ގައި ފެށި ދުވުން އައްޑޫ ސިޓީން ޝަމާ ހާޝިމް ނިންމީ ހުކުރު ދުވަހުގެ ރެއެވެ.

20 އަތޮޅުގެ ދުވުންތެރިންނާ އެކު 15 ކިލޯމީޓަރު ހަމަކުރި މިބައިގައި ހުރިހާ އަތޮޅެއްގެ ރީތިކަން ވެސް ދައްކުވައިދޭ ހާއްސަ ސޯޝަލް މީޑިއާ ކަވަރޭޖެއް އުރީދުން ދަނީ ގެނެސް ދީފައެވެ.

އުރީދޫން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ދަނީ ވާޗުއަލް މެޑަލް ދެމުންނެވެ.

މިދުވުން ވެގެން ގޮސްފައިވަނީ ކޯވިޑްގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަމަށް ތާޒާކަން ގެނުވި، ދުޅަހެޔޮ ކަމުގެ ފަރުވާއަކަށެވެ. މި ދުވުން މެދުވެރިކޮށް ރާއްޖޭގެ އެތައް ރަށަކުން ދަނީ އެ ރަށްތައް ދައްކާލައި، ދުވުންތެރިންނާއި، ރައްޔިތުންގެ ހިތް އުފާ ކުރަމުންނެވެ.