ބާރު މިނުގައި ކޮރޯނާ ވައިރަސް ފެތުރެމުން ދާ މި ދަނޑިވަޅުގައި ވަރަށް އިސް ބެފުޅުން ނިކުމެ ވަޑައިގެން މާސްކުވެސް ނާޅުއްވާ ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ، އިއްޔެ ހަވީރު އިދިކޮޅުން އެއްވެސް ގައިދުރު ކަމެއް ނެތި، އިސް ބޭފުޅުން މާސްކު ނާޅާ މާލޭގައި ސައިކަލް ބުރެއް ބާއްވާފައިވާތީ އެކަމަށް އިސާރާތް ކުރަށްވަމުންނެވެ.
ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައި ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި އަލިފާނުގެ ހާދިސާގެ އިތުރަށް ކުރިމަތީގައި މިވަގުތު އޮތީ ވަރަށް ބޮޑު ޕެންޑަމިކްއެއް، ކަމަށެވެ.
"ކޮރޯނާ ވައިރަސްގެ ބަލި މަޑުކަން ފެތުރުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެންމެން އެއްތަނަށް އެއްވެ ގައިގޯޅިވެ އުޅުން އެހެން ނަމަވެސް އަޅުގަނޑުމެން ތެރޭގައި އެޗްޕީއޭގެ އެ އެންގުމާއި ޚިލާފަށް އަމަލު ކުރާ ފަރާތްތައް އެބަ އުޅޭ، އަޅުގަނޑު މިދެންނެވީ ކޮންމެހެން މިކަމާއި ގުޅިގެނެއް ނޫން، އެއީ ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް އިލްތިމާސް ކުރަން" ރައީސް ވިދާޅުވިއެވެ.
"މިއަދު ވެސް މާލޭގައި އެފަދަ ކަމެއް ހިނގާ ހިނގައްޖެ، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބެފުޅުން ނިކުމެ ވަޑައިގެން މާސްކުވެސް ނާޅުއްވާ ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކޮށް އެފަދަ އަމަލުތަކެއް ހިންގަވައިފި، މިއަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮއެދޭ، ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން"
ރައީސް އިތުރަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މުޒާހަރާ ކުރުމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އެ ކަމަކީ މި ސަރުކާރުން ހުއްޓުވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މި ފަދަ ދަނޑިވަޅެއްގައި އެފަދަ ކަމެއް އެއްވެސް ޒިންމާދާރު ކަމެއް ނެތި ހިންގީތީ ވަަރަށް ހިތާމަ ކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުންވެސް ބައިވެރިވި އިއްޔެ އިދިކޮޅުން ބޭއްވި ސައިކަލު ބުރަށް ފުލުހުން ވަނީ ޖާގަ ދީފައެވެ. އެއްވުން ބާއްވާފައި ވަނިވެސް ފުލުހުން އެކަން ނުކުރަމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ.
ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!