ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ހޯދުމަށް އިއުލާންކުރި ވެންޓިލޭޓަރ ތަކާއި ގުޅިގެން ކުރެވުނު މުޢާމަލާތްތަކުގައި މައްސަލަތަކެއް ހުރިކަމުގައި އޯޑިޓް ރިޕޯޓުން ހާމަވީ ނަމަވެސް އެ މުޢާމަލާތްތައް ކުރެވިފައިވަނީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކޯވިޑް ރާއްޖެއިން ފެނުމާއި ގުޅިގެން މަސައްކަތް ކުރެއްވީ ޤައުމު ސަލާމަތްކުރުމަށް ކަމަށާއި މިކަމުގައި ދައުލަތުގެ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރައްވާފައި ވާނެކަމަށެވެ.އެގޮތުން މި ތަކެތި ހޯދުން އަވަސް ކުރުމުގެ ގޮތުން މިކަމުގައި ދައުލަތުގެ ބަންޑާރަ ނާއިބާއި ފިނޭންސް މިނިސްޓްރީގެ ލަފައާއި އިރުޝާދު ހޯއްދަވާފައިވާނެކަމަށާއި މަސައްކަތްކުރެއްވީ އެފަރާތްތަކުގެ ހުއްދައާއެކުގައި ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Ad
rt

ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ވީ އެންމެ އަވަހަކަށް ހޯދުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިސަރަޙައްދަށް ކަނޑަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވްއާއި އެތައް މަޝްވަރާތަކެއް ކުރެއްވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއިރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ މެދުވެރިކޮށް ނޫންކަން އޮޑިޓުން ވަނީ ހާމަވެފައެވެ.

ކޯވިޑް-19އާއި ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓު މުޅިން ސައްޙަ ނޫންކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު މައްސަލަ ދިމާވެގެން އުޅޭ ވެންޓިލޭޓަރުތަކާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް މިހާރު އޮޑިޓަރ ޖެނެރަލްއަށް ހުށައަޅާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު އަމިއްލަފުޅަށް މަގާމުގެ މަސައްކަތްތަކުން އެކަހެރިވެ ހުންނެވި މިނިސްޓަރ އަމީންއަށް ގިނަބަޔަކު ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާއިރު މި މައްސަލަ އިތުރަށް ތަޙުގީގުކުރުމަށް އޭސީސީއާއި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.