ކޯވިޑް-19 ގެ ފުރަބަންދުގެ ތެރޭގައި އެންމެ ފޯރިއާއިއެކު ބައެއް ރަށްރަށުގައި ކުރެވުނު އެއް ކަމަކީ، ފިނި މައިޒާންތައް ހެދުމާއި، އަރާމު ކޮށްލަން ގޮނޑުދޮށްތައް ފައްކާ ކުރުން ފަދަ ކަންކަމެވެ.

އެގޮތުން ހދ. ނޮޅިވަރަންފަރުގެ ޒުވާނުންތަކެއް ވެސް މިވަނީ އެ ޒުވާނުންގެ ބުރަ މަސައްކަތުން، އެ ޒުވާނުންގެ ފަންނުވެރިކަން ފެނިގެންދާ މަންޒިލެއް އެރަށުގެ ގޮނޑުދޮށުގައި ތަރައްޤީކޮށްފަ އެވެ.

Ad
rt

އެ މަންޒިލަށް އެ ޒުވާނުން ދީފައިވާ ނަމަކީ، "ނޮޅިވަރަންފަރު ރުއްގަނޑު ބީޗް" އެވެ. އެތަން ހަދާފައި ވަނީ އެރަށުގެ ފަރު ސައިޓާއި، އެލިއާ ސައިޓާއި ދެމެދު ރުއްގަނޑު ހިމެނޭހެން ހޭޅިފަށާއިއެކު ގޮނޑު ދޮށުގައެވެ.

"ފުރަބަންދުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން އަޅުގަނޑުމެން ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓުތައް ވެސް ބަންދުކުރީ، އެހެންވެ ރިސޯޓުތަކުގައި އުޅޭ ކުދިން ރަށަށް އައިސް މިކޮޅުން ބައެއް ޒުވާނުންނާއި ގުޅިގެން މި މަސައްކަތް ފެށީ، ފުރަބަންދު ދުވަސްވަރު ބައެއް ރަށްރަށުގައި ދިޔައީ ބީޗުތައް ހަދަމުން، އެހެންވެ އަޅުގަނޑުމެން ވެސް ނިންމީ މިތަން ހަދަން ފަށަން."

އެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން އެ ޒުވާން ޓީމަށް ނިސްބަތްވާ މުޙައްމަދު އަޙްމަދު ބުންޏެވެ.

އެމަސައްކަތުގައި ބައިވެރިވި ބައެއް ޒުވާނުން

މުޙައްމަދު ބުނީ ފުރަތަމަ އެތަނުގައި އެލުވީ އުނދޯއްޔެއް ކަމަށެވެ. އެއަށްފަހު ކާއެއްޗެހި ހިފައިގެން އައިސް ކައި ހަދާލަން ދެން ހެދީ މޭޒެއް ކަމަށެވެ. ދެން ގޮނޑި ކަމަށެވެ. އެތަން ހެދުމުގެ މަސައްކަތް ފެށިގެން ދިޔަ ގޮތަކީ އެއީ ކަމަށް މުޙައްމަދު ބުންޏެވެ.

ޢާއިލީ ވަގުތު ތަކަށާއި، އެކުވެރިންގެ ގުޅުން ބަދަހި ކޮށްލުމަށާއި، ދުވަސްވީ މީހުންނާއި، ކުޑަކުދީން ހިމެނޭހެން ހުރިހާ އުމުރަކަށް ވެސް ބޭނުން ކޮށްލެވޭނެހެން ތައްޔާރުކޮށްފައިވާ، އެ ތަނުން އެ ޒުވާނުންގެ ފަންނު ވެރިކަން ނިކަން ރަނގަޅަށް ދައްކުވައި ދެއެވެ. އެތަނުގައި ލަކުޑި ބޭނުންކޮށްގެން ކޮށްފައި ހުރި މަސައްކަތަކީ ވަގުތު ހޭދަވި ނަމަވެސް ނަލަ މަސައްކަތް ތަކެކެވެ.

އެތަނުގައި ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗެއް ވެސް އެހާ ފުރިހަމަ އެވެ. އެތަނުގައި ވަނީ އިށީންނާނެ ގޮނޑިއާއި، އަށްޓާއި، ޖޯލިފަށްޗާއި، އުނދޯލި ފަދަ ތަކެތި ހަދާފައެވެ. އަދި އެތަނުގައި ކުޑަކުދިންނަށް ޚާއްޞަކޮށް އުނދޯއްޔާއި، ޖޯލިފަތިތައް ވެސް ވަނީ ހަދައިފައެވެ.

"އެތަން ހަދަން ކުރެވުނު މަސައްކަތުގެ ތެރެއިން އަޅުގަނޑަށް އެންމެ ހިތްހަމަޖެހިގެން ކުރެވުނު މަސައްކަތަކީ މިދިލިގަހެއްގެ މުލެއްގައި ހެދުނު ގޮނޑި، އެހެން މަސައްކަތްތަކަށް ވެސް ވަރަށް ހިތްހަމަ ޖެހޭ "

މުޙައްމަދު ބުންޏެވެ.

މިދިލިގަހެއްގެ މުލެއްގައި ހަދާފައިވާ ގޮނޑި

މުޙައްމަދު ބުނިގޮތުގައި އޭނާއަށާއި ޓީމަށް ލިބޭ އެންމެ ބޮޑު އުފަލަކީ ރަށުގެ ރައްޔިތުން ހިތްފަސޭހަ ކޮށްލަން މިފަދަ މަސައްކަތެއް ކޮށްދެވުމެވެ. ރަށުގައި ތިބެން މަޖުބޫރުވި މިވަގުތުގައި ވެސް އަމިއްލަ އަތުން ޚަރަދުކޮށްގެން ރަށަށް މިކޮށްދެވުނު މަސައްކަތަކީ ރަށަށް އަދާ ކޮށްދެވުނު އިޖުތިމާޢީ ޚިދުމަތެއްކަމަށް އެ ޒުވާނުން ދެކެއެވެ.

މަހަކަށްވުރެ ގިނަ ދުވަހުން ކުރެވުނު އެ މަސައްކަތް، އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވެންދެން ކޮންމެ ދުވަހަކު ވެސް ދިޔައީ ކުރަމުންނެވެ. އާންމުކޮށް ހެނދުނު ނުވައެއް ޖަހާކަށްހާއިރު، އެ ޒުވާނުން އެތަނަށް ޖަމާވެ ފަށާ މަސައްކަތް ނަމާދު ގަޑިތަކަށް މެދު ކަނޑާލި ނަމަވެސް ކޮންމެ ދުވަހަކުހެން ނިންމާލަނީ އިރު އޮށްސުމަށެވެ.

"އެތަން މިއަދު މިވަނީ ނިންމާ ބޭނުން ކުރަން ފަށާފައި، ރަށުގެ ކޮންމެ މީހަކަށް ވެސް އެތަނަށް ގޮސް ވަގުތު ހޭދަ ކޮށްލެވޭނެ، މިރަށަކީ ގިނަ ރަށްތަކަކުން މީހުން ޕިކްނިކް އަންނަ ރަށަކަށް ވާއިރު ޕިކްނިކް އަންނަ އަޚުންނާއި، އުޚުތުންނަށް ވެސް އެތަން ބޭނުން ކޮށްލެވޭނެ، އަޅުގަނޑުމެން ބޭނުން ވަނީ އެންމެނަށް ވެސް އެތަނުން ހިތްހަމަ ޖެހުމާއި، ފަސޭހަކަން ލިބުން، އަޅުގަނޑުމެން އެދުމަކީ އެތަން ބޭނުން ކުރާއިރު ތަކެއްޗަށް ގެއްލުން ނުދީ، ސާފުތާހިރުކަމަށް އިސްކަން ދިނުން"

މުޙައްމަދު އިތުރަށް ބުންޏެވެ.

އެޒުވާނުންނަށް ހިތްހަމަ ޖެހުން ގެނުވި، ހިތްއުފާ ކުރުވި އިތުރުކަންތައްތަކެއް ވެސް ވެއެވެ. އެތަނުން އެއްކަމަކީ މަހަކަށްވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ އެ މަސައްކަތުގައި އުޅުނު ޒުވާން ޓީމުގެ މެދުގައި ދެބަސްވުމެއް ނުހިނގާ، ކުންޏެއް ނުޖެހި އެ މަސައްކަތް ފުރިހަމަ ކޮށްލެވުމެވެ. އަނެއްކަމަކީ އެ މަސައްކަތަށް ރަށުގެ ރައްޔިތުން، ޚާއްޞަކޮށް ކަނބަލުންގެ އެހީތެރިކަމާއި، ދިން ހިތްވަރެވެ. އެ ޒުވާނުން ބުނީ ސަޔާއި، ބުއިން އަދި ހަދިޔާ ދޮލަނގެއް މަސައްކަތްކުރާ ސަރަޙައްދަށް ނުލިބޭ ހަމަ އެންމެ ދުވަހެއް ވެސް ނުދާ ކަމަށެވެ.

މިތަން ހެދުމުގައި މި ޒުވާނުން ވިސްނުން ބަހައްޓާފައި ވަނީ ތިމާވެއްޓަށް ވީހާވެސް ރައްކާތެރިކޮށް މި މަސައްކަތް ކުރުމަށެވެ. އަދި އެ ޒުވާނުން ވަނީ އެ ސަރަޙައްދުގެ ރުއްގަނޑުތެރެ އިތުރަށް ސާފުކޮށް، ރީތި ނަލަ ތަނަކަށް ބަދަލުކޮށްލާ ފައެވެ. މީގެއިތުތުން އެތަން އަލިކޮށް، ސާފު ކުރުމުން އެ ސަރަޙައްދު މިހާރު ވެގެން ގޮސްފައި ވަނީ އެއްފަހަރާ ގިނަ ބަޔަކަށް އަރާމުކޮށްލައި، ފިނިކޮށްލަން މަޑުކޮށްލެވޭނެ ތަނަކަށެވެ.

އެ މަސައްކަތް ނިންމާލުމުގައި އެހީތެރިކަން ފޯރުކޮށްދީ ހިތްވަރުދިން އެންމެނަށް އެ ޒުވާނުންގެ ހިތުގެ ފުންމިނުން ޝުކުރު އަދާކުރެއެވެ. އެ ޒުވާނުން ބުނީ އެކުވެރި ކަމަކީ ގަދަ ފަދަ ބާރެއް ކަމަށެވެ. އެ އެކުވެރިކަމުން ރަށުގެ އެ ހިތްގައިމު ވެށިން، ވަށައިގެންވާ ފެހިކަމުން ހިތް އުފާކޮށްލަށް އެ ޒުވާނުން އެ ކޮށްދިނީ ބޭނުންތެރި ޚިދުމަތެއްކަން ގައިމެވެ.

އެ މަންޒިލަކީ އަރާމު މަންޒިލެކެވެ. އެއީ ވަށައިގެންވާ ގުދުރަތީ މުއްސަނދިކަމުން ހިތަށް ފިނިކަން ގެނުވާނެ މަންޒިލެކެވެ. ކަނޑުން ވީއްލިގެން އަންނަ ތާޒާ ވައިރޯޅިން ސިކުނޑިއަށް އަރާމުލިބޭނެ މަންޒިލަކަށް އެ މަންޒިލް ވާނެއެވެ.

ކުރިމަތިން ފެންނަ ސާފު މޫދާއި، ފުން ވިލުން ހިތުގެ ނުތަނަވަސްކަން ފިލައި ދާނެއެވެ. އެ މަންޒިލް ވެގެންދާނީ ދޭ ދޭ ގުޅުންތައް ތާޒާ ކުރުވާ މަންޒިލަކަށެވެ. ޢާއިލީ ބަދަހިކަން ވަރުގަދަ ކުރުވާނެ މަންޒިލަކަށެވެ.