ދިވެހި ދައުލަތުން ވައްކަން ކޮށްފިނަމަ ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ނުބަލާ ޤާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ދެވެން ޖެހޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ހަސަންޓޭ މިގޮތަށް ވިދާޅުވީ ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ރާއްޖެއިން ބޭރުން ވެންޓިލޭޓަރުތަކެއް ގެނައުމަށް ޚަރަދުކުރި ގޮތާއިމެދު ކޮރަޕްޝަންގެ ބޮޑުމައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅުގައި ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ.
ހަސަންޓޭ ވިދާޅުވީ ދިވެހި ދައުލަތުން ވައްކަން ކޮށްފިނަމަ ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ނުބަލާ ޤާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ދެވެން ޖެހޭނެ ކަމަށެވެ.
" ދިވެހި ރައްޔިތުން ވޯޓު ދިނީ މި ހަމަހަމަކަން ދަމަހައްޓަން" ހަސަންޓޭ ވިދާޅުވެފައި ވެއެވެ.
Dhivehi dhaulathun vakkan koffiyyaa vaki party akah vaki kulayakah nubala, gaanoonuga onna emme bodu adhabu dheven jehey. Dhivehi rayyithun vote dhinee mi hama hamakan dhamahattan.
— Hassantay (@HassantayMDP) August 20, 2020
ހަސަންޓޭ މިހެން ވިދާޅުވެފައިވާއިރު، ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޯވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.
މި މައްސަލައާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަސައްކަތުން އަމިއްލަ ފުޅަށް އެކަހެރިވެ ވަޑައިގެންފައެވެ. އަދި ރައީސް އޮފީހުން ވަނީ ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ހެލްތުގެ ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުންވެސް ސަސްޕެންޑްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!