ޗައިނާއިން ޤައުމުތަކަށް އެހީ ވަނީ ދެ ޤައުމުގެވެސް މަންފާއަށް ކަމަށާއި، ޗައިނާގެ ވިސްނުމަކީ ތަރައްގީއަށް އެހީތެރިވާ އެހެން ގައުމުތަކާއި ދެކޮޅުވުން ނޫންކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިގޮތަށް ވިދާޅުވީ ކުރަށްވާފައިވާ ޓްވީޓެއްގައި "ރާއްޖެ ކާމިޔާބު ކުރުމުގެ މެޗުން އިންޑިއާއަށް މޮޅުވެވިދާނެތޯ" ސުވާލުކޮށް އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ ދަ ޑިޕްލޮމެޓް ގައި ލިޔެފައިވާ މަޒުމޫނެއް ހިއްސާ ކުރެއްވުމަށް ފަހު އެވެ.

Ad
rt

އެ ލިޔުން ހިއްސާ ކުރައްވާ ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ޗައިނާއިން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އެހީވަނީ ދެ ގައުމުގެ ވެސް ކުރިއެރުމަށް ކަމަށެވެ. އަދި ތަރައްގީއަށް އެހީވެދޭ އެހެން ގައުމުތަކާއި ދެކޮޅުވެރި ވުމަކީ ޗައިނާގެ މަގުސަދެއް ނޫން ކަމަށެވެ.

ދިވެހިރާއްޖެއާއި، ޗައިނާގެ ގުޅުމަށް އިޝާރާތްކުރަށް ސަފީރު ވިދާޅުވީ ރާއްޖެ އާއެކު ޗައިނާއިން ބާއްވާ ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާތައް އެބައޮތް ކަމަށެވެ. ޗައިނާއަށް ފައިދާވެފައި ރާއްޖެއަށް ގެއްލުންވާ ގުޅުމެއް ޗައިނާއިން ނުގެންގުޅޭނެ ކަމަށެވެ.

ނިމުނު ސަރުކާރުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ހިންގި މަޝްރޫޢުތައް ހިންގުމަށް ގިނަ ޢަދަދެއްގެ ލޯނުދީފައިވާ ޤައުމެކެވެ. އަދި ހިލޭ އެހީއާއި، އެކި ތަމްރީނުތަކާއި، ޖަތުރިބާގެ ގިނަ ފުރުޞަތުތަކެއް ނިމުނު ސަރުކާރުގައި ޗައިނާއިން ވަނީ ދިވެހި ރާއްޖެއަށް ދީފައެވެ.

ދިވެހިރައްޔިތުންގެ އަސާސީ ޚިދުމަތްތައް ކަށަވަރު ކޮށްދިނުމަށް ޗައިނާއިން އަބަދުވެސް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމަށް ވެސް ސަފީރު ޖަންގް ލިޖޮންގް ގެންދަވަނީ ވިދާޅު ވަމުންނެވެ.

ޗައިނާއިން ރާއްޖޭގައި މިހާރުވެސް 4 ޕްރޮޖެކްޓެއް ހިންގަމުން އެބަދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެ އިތުރުން ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން 5 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި 10 އޯގަސްޓް 2020 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ، މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ރ. އަލިފުށި އަދި ގއ. ދާންދޫ ގައެވެ. އެ މަޝްރޫޢުތަކަށް 11.8 މިލިއަން ޑޮލަރު ޗައިނާއިން ޚަރަދު ކުރެއެވެ.

ކޯވިޑާއި ގުޅިގެން ވެސް ޗައިނާއިން އަންނަނީ ރާއްޖެއަށް އެހީތެރި ވަނުންނެވެ. މިގޮތުން ޗައިނާގެ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައިގެން އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ކުރިން ވިދާޅުވެފައެވެ.

ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައި ވާއިރު، ޗައިނާ މެޝިނަރީ އިންޖިއަނަރިންގް ކޯޕަރޭޝަނުންވެސް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފައެވެ.

ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިންވެސް ވަނީ ސަރުކާރަށާއި، އަދި އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ، ފޭސް މާސްކު އަދި ގޮގުލްސް ހަދިޔާކޮށްފައެވެ.

ޗައިނާއިން ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ދީފައެވެ. އަދި އެ ޤައުމުން ވަނީ ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދިން 77 ގައުމު ތެރޭގައި ރާއްޖެ ހިމަނާފައެވެ.

ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން ފޯރުކޮށްދިން އިތުރު ސިއްޙީ އެހީތެރިކަމުގެ ގޮތުގައި މިއަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަހު ވަނީ ސިއްޙީ ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 5،000 މެޑިކަލް ފޭސް މާސްކާއި 50،000 ސާޖިކަލް މާސްކްގެ އިތުރުން 5،000 ޕީޕީއީ ކިޓާއި 5،000 މެޑިކަލް ގޮގްލްސްއެވެ.

މިއަހަރު މެއި 2 ވަނަ ދުވަހުވެސް ޗައިނާއިން ވަނީ ރާއްޖެއަށް ތަކެތި ގެނެސް ހަދިޔާ ކޮށްފައެވެ. އެދުވަހު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 10،000 ޓެސްޓިންގ ކިޓް އަދި ސާމްޕަލް ސްޓިކް، 209،080 ޑިސްޕޯސެބަލް މާސްކް، 11،500 އެން 95 މާސްކް، 350 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 10 ވެންޓިލޭޓަރުވެސް ހިމެނެއެވެ.

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދުވާލަކު 1000 މީހުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް ލޮކްޑައުނަށްފަހު އަލުން ބޯޑަރު ހުޅުވާލިކަން ޢިއުލާން ކުރެއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި 23 ޖޫން 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.