ޓެސްޓް ކިޓް ހުސްނުވާވަރަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބިރެއް ނެތި ޓެސްޓް ކުރެވޭ މިންވަރަށް ޕިސީއާރު ޓެސްޓް ކިޓް އެބަހުރިކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ރާއްޖެއަށް އިތުރު 10000 ޕިސީއާރު ޓެސްޓް ކިޓް ގެނެވޭނެ ކަމަށެވެ.
ސްޓޮކްގައި ހުރި ޓެސްޓް ކިޓްތަކުގެ އިތުރަށް ހޮސްޕިޓަލްތަކުގައި ވެސް ޓެސްޓް ކިޓް އެބަހުރި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ކޯވިޑް 19 އަށް ޓެސްޓްކުރުމަށްޓަކައި ސްޓޮކްގައި ހުރީ 15000 ޕީސީއާރު ޓެސްޓް ކިޓު ކަމަށެވެ. އަދި މިހާރު ހުރި ކިޓްތަކުން 2 ހަފްތާއަށް ބޭނުން ކުރެވޭނެ ކަމަށާއި ކޮންމެ ޓެސްޓް ކިޓަކުން ގާތްގަޑަކަށް 200 ޓެސްޓް ހެދޭނެކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.
އެޗްޕީއޭއިން ރޭ ބުނީ، އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 146 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، 21 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 2 މީހަކާއި ސްރީލަންކާ 5 މިހަކާއި، އަދި ފިލިޕީންސް މީހެކެވެ.
އިއްޔެ އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 144 މީހުންނެވެ. އަތޮޅުތެރެއިން ދެ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޯވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ މިހާރު ވަނީ 6،225 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 6 ބިދޭސީންނެވެ.
މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،413 މީހުން ތިބިއިރު، 152 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 3،788 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!