ނިއު ޒީލޭންޑުގައި ހަލުވިކަމާއި އެކު އަނެއްކާވެސް ކޯވިޑް-19 ފެތުރެމުން ދިއުމާއެކު އެގައުމުގައި އަންނަ މަހުގެ 19ގައި ބާއްވަން ހަމަޖައްސާފައި އޮތް އާއްމު އިންތިހާބު 17 އޮކްޓޯބަރއަށް ފަސް ކުރަން ބޮޑުވަޒީރު ޖަސިންދާ އާޑާން ނިންމަވައިފި އެވެ.
އާޑާން ވިދާޅުވެފައި ވައިގޮތުގައި މިނިންމުމާއިއެކު ހުރިހާ ޕާޓީއަކަށްވެސް ކުރިއަށް އޮތް ނުވަ ހަފްތާ ތެރޭ ކެމްޕެއިން ކުރުމަށާއި އިންތިހާބު ބޭއްވޭނެކަން ޔަގީން ކުރުމަށް އިލެކްޝަން ކޮމިޝަނަށް ވަގުތު ލިބިގެންދާނެކަމަށެވެ.
ނިއު ޒީލޭންޑުގެ ގާނޫނުތަކުގައި ބަޔާންވެގެން ވާގޮތުން އާއްމު އިންތިހާބު ނޮވެމްބަރު 21ގެ ކުރިން ބާއްވަން ޖެހެއެވެ. އެހެންކަމުން ބޮޑުވަޒީރު ވަނީ އޮކްޓޯބަރ 17 އަށްވުރެން އިންތިހާބު ލަސްނުކުރާނެކަމަށް ވިދާޅުވެފައެވެ.
ނިއު ޒީލޭންޑުން މިހާތަނަށް ކޯވިޑް-19އަށް 1،631 މީހުން ޕޮޒިޓިވްވެފައި ވާއިރު އެގައުމުން މިބަލީގައި 22 މީހަކު މަރުވެފައިވެއެވެ. އެގައުމުން ކޯވިޑް-19 ގެ ކޭސް އެއް ނުފެންނަތާ 102 ދުވަހަށްފަހު މިމަހު 11 ވަނަދުވަހު ވަނީ ބޮޑު ކްލަސްޓަރ އެއް ފެނިފައެވެ. އެހެންކަމުން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި އެގައުމުގެ އޯކްލޭންޑް ވަނީ ފުރަބަންދުކޮށްފައެވެ. ދެވަނަ ކްލަސްޓާގައި މިހާތަނަށް އެގައުމުގެ 58 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!