އިންޑިއާގެ ބެންގަލޫރުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި، މުސްލިމު ޒުވާނުންތަކެއް އަތާއަތްގުޅާލައިގެން އެސަރަހައްދުގައިހުރި ފައްޅި ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.

އެވީޑިއޯގައި ފެންނަގޮތުން މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ޕުލަކޭޝިނަގަރްގައި ހުންނަ ފައްޅިއަކަށް ގެއްލުން ދީފާނެތީ އެތަން ރައްކާތެރިކުރުމަށް ސަތޭކަ ވަރަކަށް މުސްލިމު ޒުވާނުން އަތާއަތް ގުޅާލައިގެން މަސައްކަތް ކުރާތަން ފެނެއެވެ. އަދި އެތަނާ ދުރުވުމަށް ވެސް އެ މީހުން ބުނަމުން ދާއަޑުއިވެއެވެ.

Ad
rt

ބެންގަލޫރުގެ ޕުލަކޭޝިނަގަރްގެ ކޮންގްރެސް މެންބަރު އެމްއެލްއޭ އަހަންދާ ސްރިނިވާސާގެ ކޮށްކޮ ޕީނަވީން ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެން ބެންގަލޫރުގެ ޑީޖޭހައްލި އަދި ކޭޖީ ހައްލީގައި އެކަމާ ރުޅިވެރިކަން ފާހަގަކޮށްވަނީ މުޒާހަރާކޮށްފައެވެ.

މިމުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބަޑި ބޭނުން ކުރުމާއި ގުޅިގެން 3 މީހުން މަރުވެ، އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާ ލިވިފައެވެ.

ފައްޅިހިމާޔަތް ކުރަން އަތްގުޅާލި މީހުން ތެރެއިން އެކަކު ބުނެފައި ވަނީ އެެމީހުން އެކަންކުރީ ހުރިހާ ދީނެއްގެ މީހުނާއިއެކު ތިބިކަން އެންގުމަށްކަމަށެވެ. ނަމަވެސް ދީނާޚިލާފް ވާހަކަތައް ފެތުރުމަށް ފުރުސަތު ނުދޭނެކަމަށް އޭނާ ބުންޏެވެ. އަދި އެންމެންނަކީ ވެސް އެއްބަނޑު އެއްބަފާ މީހުން ކަމަށާއި، އެއްވެސް ދީނަކާއި މެދު އެމީހުން ރުޅިވެރިކަމެއް ނުބާއްވާނެ ކަމަށް ވަނީ ބުނެފައެވެ. އެމީހުން ބޭނުންވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުން އެކަމަށް އިންސާފު ހޯދަން ކަމަށް އެމީހުން ވަނީ ހާމަ ކޮށްފައެވެ.

މުޒާހަރާގައި ބައެއްފަރާތް ތަކުން ވަނީ ވެހިކަލްތަކުގައި ރޯކޮށް އާންމުންގެ މުދަލަށް ވެސް ގެއްލުންދީފައެވެ. އިންޑިއާފުލުހުން ހާމަ ކުރިގޮތުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ނަވީން މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށާއި މުޒާހަރާގައި ހަމަނުޖެހުން ހިނގި މީހުންގެ ތެރެއިން 160 މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.