މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް ޢަބުދު ﷲ ޔާމީން އަބްދުލްގައްޔޫމް ފަސް މިލިއަން ޑޮލަރު ދައުލަތަށް ދައްކަން، ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތައް އެ ފައިސާ ދައްކަވައިފައި ނުވާތީ، ފައިސާ ހޯދުމުގެ ގާނޫނީ މަސައްކަތް ކުރުމަށްޓަކައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މީރާއަށް ލިޔުންތައް ފޮނުވައިފި އެވެ.
އެކަން ހާމަކޮށް އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށުން، މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000.00 (ފަސްމިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައި ވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ.
" ޤާނޫނު ނަންބަރު 03/2010 (ޓެކްސް އިދާރީ ޤާނޫނު) ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޢަބުދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާނެއެވެ. "
އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
އޭޖީ އޮފީހުން ބުނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ
ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް
ބަޔާންކޮށްފައި ވާކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
" އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ
އަދަބެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތް ޖޫރިމަނާކޮށް ޙުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ހޯދާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްޢޫލިއްޔަތެއް ކަމުގައި ހިއްސާ ކުރެވިފައެވެ."
އޭޖީ އޮފީހުން ބުނެފައި ވެއެވެ.
ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފައިސާ ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!