ޔުއެފާ ޔޫރޮޕާ ލީގުގައި ކުއާޓާ ފައިނަލްގައި ރޭގައި ކުޅުނު މެޗުތަކުން މޮޅުވެ ސްޕެއިންގެ ސެވިއްޔާ އާއި ޔުކްރެއިންގެ ޝަޚްތަރ ޑޮނެސްކް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މުބާރާތް މެދުކަނޑާލުމަށްފަހު އަލުން ފަށާފައި މިވަނީ ބަދަލުތަކަކާއި އެކުގައެވެ. މިގޮތުން މި މުބާރާތުގެ ކުއާޓާ އާއި އަދި ސެމީގެ މެޗްތައް ވެސް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ ލެގެކެވެ.
ސެވިއްޔާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލް މެޗުގައި ރޭ އިނގިރޭސި ވިލާތުގެ ވުލްވްސްގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ޔޫރާޕާ ލީގު ފަސްފަހަރު ކާމިޔާބުކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ ސެވިއްޔާގެ ފަރާތުން މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ވުލްވްސްއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް ފޮނުވާލި ޕެނަލްޓީ ސެވިއްޔާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުން ސެވިއްޔާ މޮޅުވި ލަނޑު މެޗު ނިމެން އެންމެ ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި އެވާ ބަނޭގާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ފޯވާޑް އޮކަމްޕޯސްއެވެ.
ސެމީ ފައިނަލްގައި ސެވިއްޔާ ބައްދަލު ކުރަންޖެހޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
ޝަޚްތަރ ޑޮނެސްކް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލް މެޗުގައި ރޭ ސްވިޒަރލޭންޑްގެ ބަސެލްގެ މައްޗަށް 4-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ރޭ ކުޅުން ކުއާޓާގެ މި މެޗުގައި ޝަޚްތަރއަށް މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓްގައި ޖޫނިއާ މޮރާއެސް ކާމިޔާބު ކޮށްދީފައިވާއިރު ދެވަނަ ލަނޑު 22 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީފައިވަނީ ޓައިސަންއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ޝަޚްތަރ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ޝަޚްތަރ ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. މިގޮތުން ފަހު ހާފުގައިވެސް އެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. މިގޮތުން އެ ޓީމުން ޖެހި ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން އެލާން ޕެޓްރިކް ކާމިޔާބު ކޮށްދީފައިވާއިރު އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޑޯޑޯއެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބަސެލް އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ވޯލްފްސްވިންކަލްއެވެ.
ސެމީ ފައިނަލްގައި ޝަޚްތަރ ޑޮނެސްކް ބައްދަލު ކުރަންޖެހޭނީ އަންނަ ހޯމަ ދުވަހުގެ ރޭ އިޓަލީގެ އިންޓަމިލާނާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!