ޅ. (ފާދިއްޕޮޅު) ނައިފަރު މޮނިޓަރިން ހާލަތަށް ގެނެސް، އެރަށަށް މީހުން އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފިއެވެ.

އެރަށް މޮނިޓަރިން ހާލަތައް ގެނެސް އެޗްޕީއޭއިން ނައިފަރު ކައުންސިލްގެ އިދާރާއަށް ފޮނުވި ލިޔުމުގައި މޮނިޓަރ ކުރެވޭ ސަބަބު ކަމުގައި ބުނެފައި ވަނީ ކޯވިޑު-19 އާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

Ad
rt

އަޅާ ފިޔަވަޅު ގޮތުގައި އަންގާފައި ވަނީ "ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުން." ކަމަށެވެ.

"މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޯވިޑު-19) އިން ރައްކާތެރިކުރުމަށް "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު (7/2012)" ގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، މަތީގައި ބަޔާންކޮށްފައިވާ ރަށަކީ، މި ލިޔުން ނެރެފައިވާ ވަގުތުން ފެށިގެން މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅައިފީމެވެ."

މިއަދު (12 އޯގަސްޓް 2020) އިން ފެށިގެން އެ ފިޔަވަޅު އަޅާފައިވާކަން އަންގައި އެޗްޕީއޭއިން ބުނެފައި ވެއެވެ.

" މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ." އެޗްޕީއޭއިން އެންގި އެންގުމުގައި ބުނެފައި ވެއެވެ.

އެޗްޕީއޭއިން ނައިފަރު މޮނިޓަރިން ހާލަތަށް ގެނެސް، އެރަށަށް މީހުން އަރައި ފޭބުން މަނާކުރީ ނައިފަރާއި މާލެއާއި ދެމެދު ދަތުރުކުރާ "މެގަ އާރު ބޯޓު" ގެ ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ރާއްޖެއިން ސައުވީސް ގަޑިއިރުގެ ތެރޭގައި ކޯވިޑް ބަލީގައި އިތުރު މީހަކު މިއަދު ހެނދުނު ނިޔާވި ވެފައިވާއިރު، މިބަލީގައި އިއްޔެވެސް ވަނީ 67 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ. މިއަދު ނިޔާވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ވަނީ 5،223 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،354 މީހުން ތިބިއިރު، 148 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،849 މީހުންނެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މަޢުލޫމާތުގައި ބުނެފައި ވަނީ ނުވަ ރިސޯޓެއްގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 6 ފަތުރުވެރިއަކާއި، 10 މުވައްޒަފަކު އެބަތިބިކަމަށެވެ. އަދި ދެ ސިޓީއާއި، 10 ރަށެއްގައި ބަލި ޖެހިފައިވާ މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ބަލި ޖެހިފައި ތިބި ފަތުރުވެރިންނާއި، މުވައްޒަފުންތިބި ރިސޯޓުތައް އެޗްޕީއޭއިން ހާމަ ކޮށްފައި ނުވާއިރު، ބަލި ޖެހިފައިވާ ތިބި މީހުން އުޅޭ ދެ ސިޓީއާއި، ދިހަ ރަށް ގޮތުގައި ހާމަ ކޮށްފައި ވަނީ ހއ. އަތޮޅުގެ ކެލާ، ފިއްލަދޫ އަދި އިހަވަންދޫ، ހދ. ނައިވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ އަދި ކުޑަރިކިލު، ޅ. ހިއްނަވަރު، ކ. މާފުށި، ވ. ފުލިދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި އަދި ފުވައްމުލަކު ސިޓީއެވެ.