ސްރީލަންކާގެ ވެލިކަޑައިގައި ހުންނަ ޖަލަކަށް ޑްރަގް އެތެރެކުރުމަށް ބޭނުންކުރި ބުޅަލެއް ލަންކާ ފުލުހުން އަތުލަައިގެނެ، ޖަލުގައި ބާއްވާފައި އޮއްވާ ފިލައިފިއެވެ.
އެ ބުޅާ އަތުލައިގަތްއިރު އޭގެ ކަރުގައި އޮތް ބެލްޓުގައި 2 ގްރާމް ހެރޮއިން، 2 ސިމްކާޑް އަދި މެމޮރީ ކާޑެއް ފޮރުވާފައި ވަނިކޮށް ލަންކާ ފުލުހުން ވަނީ އަތުލައިގެންފައެވެ. މިތަކެތި ފޮރުވާފައި ހުރީ ރަބަރު ކޮތަޅެއްގެ ތެރެއަށް ލާފައި، ބުޅާ ކަރުގައިވާ އޮތް ބެލްޓުގައެވެ.
ތަހުގީގުން އެނގިފައި ވާގޮތުގައި މި ބުޅަލަށް ޓްރެއިންނިންގ ދީފައިވަނީ ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކްރިމިނަލް ގޭންގަކަށް ނިސްބަތްވާ އަންގޯޑާ ލޯކާ ނަމަކަށް ކިއާ މީހެކެވެ. އަންގޯޑާވަނީ ފުލުހުންނަށް ފިލައިގެން 2 އަހަރުދުވަހު އުޅުމަށްފަހު، އިންޑިއާގެ ކޮއިމްބަތޫރްގައި ހިތުގެ މައްސަލައެއްގައި މަރުވެފައެވެ.
ލަންކާ ފުލުހުންވަނީ ބުޅާ ބޭނުން ކޮށްގެން ޑްރަގުގެ ވިޔަފާރި ކުރަމުންއަންނަ މީހުން އަތުލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބުޅާ ބަންދުގައި ބާއްވާފައި އެވެ. ނަމަވެސް ބުޅަލަށް ކާން ހިފައިގެން ދިޔަ ވަގުތު ބުޅާވަނީ ފިލައިގެން ގޮސްފައެވެ.
ވެލިކަޑަ ފުލުހުން މިހާރު ދަނީ ޖަލަށް ވަގަށް އެއްޗެއްހި އެތެރެކުރާ މީހުން ހުއްޓުވަން ޚާއްޞަ މަސައްކަތްތަކެއް ކުރިއަށް ގެންދަމުންނެވެ.
ބުޅާ ފަދަ ޖަނަވާރު ޓްރެއިން ކޮށްގެން ޖަލަށް ތަކެތި އެތެރެ ނުކުރެވޭ މީހުން، ބައެއް ފަހަރު ޖަލުތެރެއަށް އެކި ގޮތްގޮތުން ޖަލަށް ވެއްދުން މަނާތަކެތި އުކާ މައްސަލަ ވެސް ވެލިކަޑަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!