ކޯވިޑް- 19 ބަލީގައި ދިވެއްސަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:20 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ.
މިއީ ރާއްޖޭގައި ސައުވީސް ގަޑިއިރުގެ ތެރޭގައި ކޯވިޑް ބަލީގައި ނިޔާވި ދެވަނަ މީހާއެވެ. މިބަލީގައި އިއްޔެވެސް ވަނީ 67 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ވަނީ 5،223 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 6 ބިދޭސީންނެވެ.
މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،354 މީހުން ތިބިއިރު، 148 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،849 މީހުންނެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މަޢުލޫމާތުގައި ބުނެފައި ވަނީ ނުވަ ރިސޯޓެއްގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 6 ފަތުރުވެރިއަކާއި، 10 މުވައްޒަފަކު އެބަތިބިކަމަށެވެ. އަދި ދެ ސިޓީއާއި، 10 ރަށެއްގައި ބަލި ޖެހިފައިވާ މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ބަލި ޖެހިފައި ތިބި ފަތުރުވެރިންނާއި، މުވައްޒަފުންތިބި ރިސޯޓުތައް އެޗްޕީއޭއިން ހާމަ ކޮށްފައި ނުވާއިރު، ބަލި ޖެހިފައިވާ ތިބި މީހުން އުޅޭ ދެ ސިޓީއާއި، ދިހަ ރަށް ގޮތުގައި ހާމަ ކޮށްފައި ވަނީ ހއ. އަތޮޅުގެ ކެލާ، ފިއްލަދޫ އަދި އިހަވަންދޫ، ހދ. ނައިވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ އަދި ކުޑަރިކިލު، ޅ. ހިއްނަވަރު، ކ. މާފުށި، ވ. ފުލިދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި އަދި ފުވައްމުލަކު ސިޓީއެވެ.
ނައިފަރު "މެގަ އާރު ބޯޓު"ގެ ފަޅުވެރިއެއްގެ ފަރާތުން ކޯވިޑް-19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެމީހާ ހޯމް އައިސޮލޭޝަންގައި ބަހައްޓާ ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް މިއަދު ނައިފަރު ކައުންސިލުން ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!