ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އައްޔަން ކުރައްވާފައިވާ ޑރ. ޢަބްދުﷲ މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައި ވާއިރު، އައު ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް ދާނީ އެ މައްސަލަ މަޖިލީހުގެ ކޮމިޓީގައި ދިރާސާ ކުރުމަށްފަހު، ކޮމެޓީ ރިޕޯޓު މެމްބަރުންނަށް ފޮނުއްވުމަށްފަހު، އެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ފަހުއެވެ.

Ad
rt

ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަންކުރުމުގެ ކުރިން ޑރ. މައުސޫމް ހުންނެވީ ސިންގަޕޫރަށް ރައްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަޤާމުގައެވެ.

ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން ޑރ. މައުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަންކޮށްފައި މިވަނީ، އެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރިތާ މަހެއް ވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް، މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޑރ. އަބްދުﷲ މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަމާއި، އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް މީގެ ކުރިން ކުރެއްވިއެވެ.

ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ދުވަސްވަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމު ފުރުއްވުމުގެ އިތުރުން އަދި ޑރ. މައުސޫމް ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި، ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވި ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަފީރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޑރ. މައުސޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. ޓްއަރިޒަމް ޑިވޮލޮޕްމެންޓް ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމުން ޑރ. މައުސޫމަށް ވަނީ މިދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެއްގެ ޝަރަފު ހޯއްދަވާފައެވެ. ޕީއެޗްޑީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ