ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓްތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބެލޭނެ ގޮތް ހަމަޖައްސާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިދިޔަ ޖުލައިމަހު 9 ވަނަ ދުވަހު ވަނީ، ހިޔާ ފްލެޓްތަކުގައި ހުރި ކޮމާޝަލް ޔުނިޓްތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް އޯޕަންޑޭއެއް ބޭއްވުމަށް ނިންމައި، ދާން ބޭނުންވާ މީހުން ރަޖިސްޓްރީވާން ހުޅުވާލާފައެވެ. އެގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓަރވުމަށް ހުޅުވާލިއެވެ.

Ad
rt

އެޗްޑިސީން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހިޔާ ފުލެޓް ބެލުމަށް އާންމުން ގެންދިއުމަށް ނިންމި ނިންމުމަށް ބަދަލު ގެނެސް އެތަން ވާޗުއަލްކޮށް ބެލުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް އެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީއިން ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓްތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބެލޭނެ ގޮތް ހަމަޖައްސަން ނިންމި އިރު، އެ ފްލެޓްތަކުގެ ޙައްޤުވެރީން ކަނޑައެޅި، އެ މަސައްކަތް އަވަސްވުމަށް ގިނަ ބަޔަކު ތިބީ ބޭނުން ވެފައެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ނިމުނު ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓު ނިންމަން ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. އެކަމަކު މަސައްކަތް ނިންމަން އަދި އަށް މަސްވަރު ނަގާނެ ކަމަށް، ހުސްވި ޖުލައި 6 ވަނަ ދުވަހު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެ ދުވަހު ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ އެހާތަނަށް 40 ޕަސެންޓް ގޭގެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ބާކީ ހުރި 60 ޕަސެންޓް ގެތަކުގެ ހާލަތު ބެލުމަށް ފަހު، އެ މަސް ނިމޭއިރު ލިސްޓް އާއްމުކުރަން ފަށާނެ ކަމަށެވެ.

މި ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ކުރީ ސަރުކާރުން ވަނީ ނެރެފަ އެވެ. އެކަމަކު މި ސަރުކާރުން ނިންމީ ފްލެޓް ލިބުނީ ހައްގު މީހުންނަށްތޯ ކަށަވަރުކުރަން އަލުން ފޯމްތައް ބަލައި، ހާލަތު ވަޒަންކުރާ ގޮތަށެވެ.

ފުލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ބައެއް މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ކޮމިޓީގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށް މިމަހު 3 ވަނަ ދުވަހު އެކޮމިޓީއިން ވަނީ ބުނެފައެވެ.

ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، ކޮމިޓީ މުވައްޒަފުންތަކެއް ކޯވިޑަށް ފައްސިވުމުން ކުރިން ކަނޑައެޅިފައިވާ މުއްދަތުގައި އެ މަސައްކަތް ނިންމާނުލެވޭނޭ ކަމަށް ވެސް އެ ކޮމިޓީއިން ވަނީ ބުނެފައެވެ.