ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 129 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހީންނާއި، 23 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 8 މީހަކާއި ލަންކާ 4 މިހަކާއި، އަދި އިންޑޮނޭޝިއާ މީހެކެވެ.

Ad
rt

މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 127 މީހުންނެވެ. އަތޮޅުތެރެއިން ދެ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.

މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ. މި ގޮތުން މިހާރު ވެސް ބައެއް ރިސޯޓްތައް ހިމެނޭ ހެން އަތޮޅު ތަކުގެ 12 ރަށެއްގައި ކޯވިޑްގެ ބަލި މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ މަޢުލޫމާތަށް ބަލާއިރު އެރަށް ތަކަކީ ހއ. ކެލާ، ހއ. އިހަވަންދޫ، ނ. ސޮނެވާ ޖާނީ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތާދޫ، ބ. ކަމަދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށި އަދި ވ. ފުލިދޫއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،293 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 18 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 1490 މީހުން ތިބިއިރު، 92 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،670 މީހުންނެވެ.