އައިޖީއެމްއެޗުގައި ސީރިއަސް ހާލުގައި އޮތް ޔަމަނުގެ ޔާސިރު ޔަހްޔާ ސޯލިހް މަރުވެއްޖެ އެވެ.

އޭނާއަކީ ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ޓެރަރިޒަމާ ގުޅުންއޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހެކެވެ.

Ad
rt

ޔާސިރު ޔަހުޔާ 2017 ވަނަ އަހަރު ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތުގައެވެ. އޭނާ ރާއްޖެ އައީ 2016 ވަނަ އަހަރު ޔަމަންގެ ޢަރަބި މުދައްރިސެއްގެ ގޮތުގައެވެ.

ޔާސިރު ޔަހްޔާގެ ވަކީލުން ވަނީ ޔާސިރު މަރުވެފައި ވާކަން މީޑިއާއަށް ހިއްސާ ކޮށްފައެވެ. އަދި މިހާރު އެ ހަބަރު އޭނާގެ އާއިލާއާއި ހިއްސާކޮށްފައިވާކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ހުޅުމާލޭ ޖަލުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ބުނެފައެވެ.

ހާލުހުރި ގޮތުން ގޭބަންދަށް ބަދަލުކޮށް ދިނުމަށް ޔާސިރުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލައއްވެސް ހުށަހަޅާފައެވެ. މި މައްސަލައަކީ އޭނާގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިިމެންދެން އޭނާ ގޭބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ސިވިލްކޯޓުންވަނީ ޔާސިރު ޔަހުޔާ ގޭ ބަންދަށް ބަދަލު ކުރުމުގެ ވަގުުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފައިވެއެވެ.