މިއަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި "ހަތަރުދަން 1441" މިނަމުގައި 24 ގަޑިއިރު ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށީ އެއާޕޯޓު ބީޗް ސަރަހައްދުގައި އިއްޔެ ހަވީރު ފެށިގެން ކުރިއަށްދިޔަ މިހަރަކާތުގައި 40 އަށްވުރެ ގިނަ ކައިޓު ސާފަރުން ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށީ ކައިޓްބޯޑިންގއިން އިންތިޒާމކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތް ނިންމާލާފައިވަނީ މިއަދު ހަވީރުއެވެ.
މިއީވަރަށް އުފާވެރި މަންޒަރުތަކެއްކަމަށާއި މިހަރަކާތުގައި ބައިވެރިވި ޒުވާނުންނަށް ހިތްވަރު ދެއްވާ ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ޓުވިޓެއްވެސް ކުރައްވާފައެވެ.
މިހަރަކާތުގެ މަންޒަރުތަކާއި ލައިވް ވީޑިއޯތައް ވަނީ ކައިޓްބޯޑިންގ ކުޅުދުއްފުށި ފޭސްބުކް ޕޭޖުން ލައިވްކޮށް ގެނެސްދީފައެވެ.
އިއްޔެ ހަވީރު ފެށިގެން ރޭ ދަންވަރާއެކުވެސް ސާފަރުން ކަނޑުތެލަގަ އެރުވުމުގައި ހަރަކާތްތެރިވެފައިވެއެވެ. މި ހަރަކާތް ބަލާލުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ.
ކުޅުދުއްފުށީ ކައިޓްބޯޑިންގ އިން ބުނީ މިހަރަކާތުގެ މައިގަނޑު މަގްޞަދަކީ ގިނަ ކައިޓް ސާފަރުން މިވަގުތު ރަށުގައި ތިބުމާއެކު އީދުގައި ހިތްގައިމު ކުޅިވަރެއް ދައްކާލުން ކަމަށެވެ. އަދި މޫދު ކުޅިވަރަކީ ކުޅުދުއްފުށީގައިވެސް ކާމިޔާބު ކަމާއެކު ކުޅެވިދާނެ ކުޅިވަރެއްކަން އެހެންމީހުނަށް ދައްކާލަ ދިނުމަށް ބޭއްވި ޙަރަކާތެއް ކަމަށެވެ.
ކުޅުދުއްފުއްޓަކީ ގިނަ ސާފަރުން ތިބިރަށެވެ. މިދިޔަ މަހުގެ 21 ވަނަދުވަހު މިޓީމުން ވަނީ ހދ. ނައިވާދޫގައިވެސް ރާޅުގުޑި އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި ވަނީ ޖުމްލަ 40 ޒުވާނުން ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 37 ޒުވާނުންގެ އިތުރުން ކ. މާފުއްޓަށް ނިސްބަތްވާ ޒުވާނަކާއި، ހދ. ހަނިމާދޫއަށް ނިސްބަތްވާ ޒުވާނަކާއި އަދި ނައިވާދޫއަށް ނިސްބަތްވާ ޒުވާނެކެވެ.
މީގެ އިތުރުންވެސް ކުޅުދުއްފުށީ ކައިޓް ސާފަރުންގެ އެނުއަލް ޓްރިޕްތައް މީގެ ކުރިން ހދ ހަނިމާދޫ އާއި ނޮޅިވަރަމްފަރު، މަކުނުދޫ، ހއ ކެލާ، ށ ފުނަދޫ ފަދަ ރަށްރަށުގައި ބާއްވާފައިވެ އެވެ.
މިއަހަރުގެ އެނުއަލް ޓްރިޕްގެ ފައިނަލް އިވެންޓެއްގެ ގޮތުން 20 ކައިޓް ސާފަރުން ވަނީ ނައިވާދޫއިން ކުޅުދުއްފުއްޓަށް ކައިޓްގައި ދަތުރުކޮށްފައި އެވެ. މި އިވެންޓްގައި ބައިވެރިވީކަމުގެ ތަޖުރިބާ ހުރި ސާފަރުންނެވެ. ގާތްގަނޑަކަށް ދޮޅުގަޑިއިރު މިދަތުރަށް ހޭދަވި އެވެ.
ކަނޑުތެލަގަ ދުއްވައިގެން އެކަމުގެ ރެކޯޑްވެސް އޮތް ރަށެއްވެސްމެއެވެ. ކުޅުދުއްފުށިން ށ.ފުނަދޫއަށް ކައިޓުގައި ދަތުރުކޮށްގެން ކުޅުދުއްފުށީ ކައިޓް ސާފަރުންވަނީ ރެކޯޑެއް މުގުރާލާފައެވެ. އެއީ މިދިޔަ އަހަރު "ގަމީސް ވައިދަށަށް" ނަމުގައި ކުރިއަށްގެންދިޔަ އިވެންޓެއްގައެވެ. އެއީ 35 މޭލުގެ ދުރުމިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!