ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީ ހދ. ނޭކުރެންދޫ އެވެ. އެ ރަށުގެ ރައްޔިތުންނަށާއި ވެއްޓަށް ލޯބި އޮތް ކޮންމެ މީހަކަށް މޮޅިވެރިކަން ގެނުވާފައި މިވަނީ އެރަށުގެ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫ ގަސްތައް މަރުވެ، ނެތިގެން ދާ މައްސަލައެވެ.

އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައި މިވާ މައްސަލައަށް އަދި ހައްލެއް ނުލިބި އޮތް އިރު، ނޭކުރެންދޫ ރައްޔިތުން ދަނީ އެރަށުގެ ކަނޑޫފަލުގެ ހިމާޔަތުގައި ފުޅާ ކެމްޕޭނެއް ކުރަމުންނެވެ. އެ ރަށުގެ ރަށްޔިތުން ތިބީ އެރަށުގެ ކަނޑޫ ފަލުގެ ހިމާޔަތަށް އެދި އެދި އެވެ.

Ad
rt

މިއަހަރުގެ ޢީދު އެރަށުގައި ފާހަގަ ކުރަން ނިންމާފައި ވަނީ ވެސް އެ ރަށްޔިތުންގެ ހިތުގައި ކަނޑޫފަލަށް އޮތް ލޯތްބާއި އެކު " ކަނޑޫ ޢީދު އުފާ 1441" ގެ ނަމުގައެވެ.

އެ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މި ކުޅިވަރުތައް، ޢީދު ވިލޭރޭ އޮތް ޢީދު ހުޅު ޖެހުމުން ފަށާފައި ވާއިރު، މި ކުޅިވަރުތައް ޢީދުގެ ފަސް ދުވަހަށް ދެމިގެން ދާނެއެވެ. ނޭކުރެންދޫ "ކަނޑޫ ޢީދު އުފާ 1441" ގައި ގިނަ ކުޅި ވަރުތަކަކާއި، އިތުރު ކަންކަން ވަނީ ހިމަނާފައެވެ.

އެރަށުގައި މިއަދު ޢީދު ނަމާދުން ފައިބައިގެން ދެން އޮތީ ޢީދު ބޯކިބާ ކެއުމެވެ. އެއަށް ފަހު ފެން ކުޅި ރަށު ތެރޭގައި އޮތް އިރު ހަވީރަށް ވަނީ "ކަނޑޫފާ ކަޕް 2020" ވޮލީ މުބާރާތުގެ ފައިނަލް ބާއްވަން ނިންމާފައި އެވެ. މި އިވެންޓް ކުރިއަށް ދާނީ ބޮޑު ބެރާއި އެކު ނިކަން ފޯރީގައެވެ. މީގެ އިތުރުން މިރޭ އެރަށު ބޯޅަ ދަނޑު ސްޓޭޖްގައި ޢީދު ޝޯ ވެސް އޮންނާނެއެވެ.

ޢީދު ދެވަނަ ދުވަހު ނޭކުރެންދޫ "ކަނޑޫ ޢީދު އުފާ 1441" ގައި ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރު ތަކުގެ ތެރޭގައި ފިރިހެން ކުދިންގެ ވާދެމުމާއި، ކޯޑި ނެގުމާއި، ފިރިހެން ކުދިންގެ ދަނޑިޖެހުން އޮންނާނެއެވެ.

މި ކުޅިވަރުތަކުގެ ތެރޭގައި ޢީދުގެ ތިންވަނަ ދުވަހަށް ވަގު ކުޅުން، ފުޓްޝަލް ކަޕް އަދި ބަނޑިޔާ ޖެހުން ތާވަލު ކޮށްފައި ވާއިރު، ޢީދުގެ ހަތަރު ވަނަ ދުވަހު އަންހެން ކަނބަލުންގެ ވާދެމުމާއި އެކު ފުޓްޝަލް މުބާރާތް ކުރިއަށް ދާނެއެވެ. އަދި ޢީދުގެ ފަސް ވަނަ ދުވަހު ކޯޑި ކެނޑުމާއި، މާލި ޕެރޭޑް އަދި ޢީދު ނިންމުމުގެ ގޮތުން ބާއްވާ ޢީދު ވަދާއީ ޝޯ އޮންނާނެއެވެ.

ނޭކުރެންދޫ ރައްޔިތުން ހިތުން ކަނޑޫފާ ހިނދު ކޮޅަކަށް ވެސް ފިލާނުދާނެއެވެ.