ކޯވިޑް-19 ބަލި ކޮންޓްރޯލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ ދަތިތަކަކާއި، ކުރިމަތިވާނެ ކަމަކަށްވާތީ އާންމުންގެ މެދުގައި ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީއިން އަންގައި ފިއެވެ.
އެ މިނިސްޓްރީއިން މިރޭ ނެރުނު ސާރކިއުލާއެއްގައި ބުނެފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށާއި ބަލި ފެތުރުން ހުއްޓުވުމަށް ދުނިޔޭގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި، މި ބަލި ރާއްޖެއިން ވެސް ފެނި، މާލޭގައި ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.
ކޯވިޑް-19 ދެނެގަތުމަށް ޓެސްޓު ހެދުމަށް މިހާރު ހަމަޖެހިފައި ވަނީ ކޯވިޑް-19 ކޮންޓްރޯލު ކުރުމަށާއި ބަލި ދެނެގަނެ ފަރުވާގެ ކަންތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަނޑައެޅިފައިވާ ނެޝަނަލް ސަރވެއިލަންސް އެންޑް ރެސްޕޮންސް ނިޒާމުގައި ކަނޑައަޅާގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީ އިން ބުނެފައި ވެއެވެ.
މިގޮތުން ކޯވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައި ވަނީ ޕީ.ސީ.އާރ ޓެސްޓު ކަމަށާއި، އަދި ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝަނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާއި، އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުން ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
" ރާއްޖޭގައި ކޯވިޑް-19 އަށް ޕީ.ސީ.އާރ ޓެސްޓް މިހާރު ހަދަމުން ދަނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ލެބޯރޓްރީ ތަކުގައާއި މި ޓެސްޓު ހެދުމަށް މިނިސްޓްރީ ހޮފް ހެލްތުގައި ރަޖިސްޓްރީ ކޮށްފައިވާ ލެބޯޓްރީ ތަކުން ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން، ކޯވިޑް-19ގެ އެންޓިބޮޑީ ޓެސްޓަކީ ކޯވިޑް-19 ގެ ސަރވެއިލަންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫންކަމުގައި ދަންނަވަމެވެ."
ހެލްތު މިނިސްޓްރީއިން ބުނެފައި ވެއެވެ.
ނަމަވެސް މިދުވަސްވަރު ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން މި ޓެސްޓު އަމިއްލައަށް ހަދަމުން ގެންދާކަން މި އެ ނިސްޓްރީއަށް ފާހަގަ ކުރެވިފައި ވާކަމަށާއި، މިގޮތަށް އެންޓިބޮޑީ ޓެސްޓު ހަދައި ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުން ދާކަމުގައި ވެސް ފާހަގަ ކުރެވިފައި ވާކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
"ކޯވިޑް-19 ކޮންޓްރޯލު ކޮށް ބެލެހެއްޓުމުގެ ނިޒާމުން ބޭރުން މިފަދަ ޓެސްޓު ހެދެމުން ދިއުމަކީ މިޓެސްޓް ހަދާ ފަރާތްތަކަށް އޮޅުންތައް އަރާނެކަމެއް ކަމަށާއި ކޯވިޑް-19 އިން ރައްކާތެރި ކުރުމަށާއި ބަލިޖެހޭ ފަރާތްތަކާއި އެމީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް ބަލި ކޮންޓްރޯލު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ ދަތިތަކަކާއި ކުރިމަތިވާނެ ކަމަކަށްވާތީ އާންމުންގެ މެދުގައި ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ދަންނަވަމެވެ."
ހެލްތު މިނިސްޓްރީއިން ބުނެފައި ވެއެވެ.
އެންޓިބޮޑީ ޓެސްޓު ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމަށާއި، އަދި ރިސާރޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ހެލްތު މިނިސްޓްރީއިން ވަނީ އެދި ފައެވެ.
އެ މިނިސްޓްރީއިން ވަނީ ކޯވިޑް-19 ގެ ޕީ.ސީ.އާރ ހަދާ ލެބްތަކުން ވެސް ރާއްޖޭން ބޭރަށް ދިއުމުގައި ހަދަންޖެހޭ ޓެސްޓުތައް ފިޔަވައި، ނެޝަނަލް ސަރވެއިލަންސް އެންޑް ރެސްޕޯންސް ނިޒާމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޓެސްޓްތައް ހަދަމުން
ގެންދިއުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!