ހދ. ނޮޅިވަރަންފަރުގައި ޓްރެއިނިންގ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުން ނަގާ 81.44 ހެކްޓަރުގެ ބިމާއެކު ރަށުގެ ކަނޑޫފާ ހިމެނޭ ސަރަހައްދު ރިސޯޓް ތަރައްގީކުރަން ދޫކުރަން ނިންމާ އިޢުލާން ކުރީ 28 ޖުލައި 2008 ވަނަ އަހަރުއެވެ.

މިކަން ސަރުކާރުން އިޢުލާން ކުރުން ވެގެންދިއައީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައްބަޔަކަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ހާއްސަކޮން ފަތުރުވެރިކަމަށް އަލަށް ނިކުންނަށް ބޭނުންވާ ފަރާތްތަކަށެވެ. ފަތުރުވެރިކަމުގެ ނަފާއިން މަޙްރޫމް ކުރެވިފައިވާ ހދ. އަތޮޅުގެ ރައްޔިތުން ކުރަމުން އައި އުންމީދު ނިމުމަކަށް އަންނާނެ ކަމެއްކަމުގައި ޤަބޫލުކުރެވުނެވެ.

Ad
rt

އެތަކެއް ސަރުކާރުތަކެއް އައިސް ގޮސްފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ބައިޤަރުނުވާން ކައިރިވެފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް މީހުން ތަމްރީން ކުރުމަކީ މުހިންމު ކަމެއް ކަމުގައި އެންމެންވެސް އަންނަނީ ވަކާލާތު ކުރަމުންނެވެ. ނަމަވެސް މިއަދަށް މިކަން އިޢުލާން ކުރެވުނުތާ 12 އަހަރު ވެގެން ދިއައިރު މިކަމަށް ސަރުކާރުތަކުން އަހަންމިއްޔަތުކަން ދެވިފައިވާ މިންވަރު ވަރަށް ސާފުކޮން ފެނިގެން ދެއެވެ.

"ނޮޅިވަރަންފަރު ޓްރެއިނިންގ ރިސޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށަނީ" ނުވަތަ "ނޮޅިވަރަންފަރު ޓްރެއިނިންގ ރިސޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި" އިންތިހާބުތަކާއި ދިމާކޮށް މިފަދަ ސުރުހީތައް ނޫސްތަކުން އައީ ފެންނަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުވެސް މަސައްކަތް ފަށާ ވަރަށް ބާރަށް ކުރިއަށްދާކަމަށް، މަސައްކަތް ކުރާފަރާތާ ހަވާލާދީ ނޮޅިވަރަންފަރު ކައުންސިލްވަނީ ބުނެފައެވެ. އެސަރަހައްދުގައި މަސައްކަތު ސައިޓް އެޅުމުގެ މަސައްކަތް ކުރިއަށްގޮސް ވަކިހިސާބަކުން ވަނީ ހުއްޓިފައެވެ. 12 އަހަރު ވެގެން ދިޔައިރު މިކަން އެއްވެސް ވަރަކަށް ކުރެވިފައެއް ނުވެއެވެ.

މިދިޔަ އަހަރު އޭޕްރީލް މަހުގެ 1 ވަނަ ދުވަހު، ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފެޅެއްގައި ނޮޅިވަރަންފަރަށް ވަޑައިގެން ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ނޮޅިވަރަންފަރަކީ ލޯކަލް ޓޫރިޒަމް ތަރައްޤި ކުރުމަށް ދެވަނައެއް ނުވާފަދަ ރީތި ރަށެއްކަމަށާއި ނޮޅިވަރަންފަރުގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ އެދިލެއްވުމަށް ރައީސް ވަނީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ ނޮޅިވަރަންފަރުގެ ދެކުނުކޮޅުން ޓޫރިޒަމް ޓްރެއިނިންގ ރިސޯޓެއް ތަރައްޤީ ކުރުމަށް 2008 ގައި ނަލަވެލި މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށްނުގޮސް ގިނަ ދުވަސްވެފައިވާތީ، އެފަރާތުން ބިންވަކިކޮށް އެހެންފަރާތަކާއި ހަވާލުކުރުމަށް އެދިފައިއެވެ. އަދި 200 އެދުގެ ސިޓީ ހޮޓާ ނުވަތަ ރިސޯޓް ފެންވަރަށް އެސަރަހައްދު ތަރައްޤީކޮށް އިންވެސްޓް ކުރެވޭވެ ފެންވަރުގެ ފަރާތްތައް، ކައުންސިލްގައި ޝައުޤުވެރިކަން ފާޅުކުރަމުން ދާކަމުގައި ފާހަގަކުރެއްވި އެވެ.

ހދ. އަތޮޅު ކައުންސިލުން މަޢުލޫމާތުދޭގޮތުގައި އެސަރަޙައްދުގައި އެއްވެސް މަސައްކަތެއް މިހާރު ކުރިއަކަށް ނުދެއެވެ. އެސަރަޙައްދުގައި ގުދަންތަކެއް އެޅުން ފިޔަވާ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަމަށާއި އެތަން ބެލެހެއްޓުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާކަމަށްވެސް ހާމަކުރެއެވެ.

ނޮޅިވަރަންފަރުގައި ޓްރޭނިން ރިސޯޓެއް ތަރައްގީ ކުރުމަށް އެއިރުގެ ސަރުކާރުން ނިންމީ އެ ރަށަކީ ސަރަހައްދީ ތަރައްގީ މަޝްރޫއުގެ ދަށުން ތިން ރަށެއްގެ މީހުން އާބާދުކޮށް ނިންމައިފައިވާ ބިމުގެ ގޮތުން ތަރައްގީގެ ފުރުސަތު އޮތް ރަށަކަށް ވާތީ އެވެ. ކުރިން ހދ.ގެ އަތޮޅުވެރިންކަން ކުރީ ނޮޅިވަރަންފަރުގައެވެ. ނޮޅިވަރަމްފަރު ޓްރޭނިން ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށުން ދޫކޮށްފައި ވަނީ ރަށުގެ ދެކުނުކޮޅުން 14 ހެކްޓަރުގެ ސަރަހައްދަކާއި އެ ބިމާ ގުޅޭ ގޮތަށް ދެކުނުކޮޅު ފަޅުން 81.44 ހެކްޓަރުގެ ސަރަހައްދަކާ އެކު ޖުމްލަ 95.44 ހެކްޓަރުގެ ބިމެވެ. ނޮޅިވަރަމްފަރުގައި އޮންނަ ކަނޑޫފާ ހިމެނެނީ ރަށުގެ އެއްގަމުން ރިސޯޓް ހެދުމަށް ދޫކުރަން ނިންމައިފައިވާ ބިމުގެ ތެރޭގަ އެވެ. އެއީ އެ ރަށުގައި އޮތް ތިމާވެށީގެ ގޮތުން އެންމެ ފާހަގަކުރެވޭ ސަރަހައްދެވެ.

ނޮޅިވަރަންފަރުގައި ޓްރޭނިން އިންސްޓިޓިއުޓެއް ގާއިމްކޮށް، އެ ރަށު ފަޅުހިއްކައިގެން 200 އެނދުގެ ޓްރޭނިން ސްކޫލަކާއި ރިސޯޓެއް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ނަލަވެލި މޯލްޑިވްސް އަށެވެ.