ކޯވިޑް-19 ބަލިމަޑުކަމާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ޔުނިސެފްގެ ފަރާތުން އަނެއްކާވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

މިކަމާއި ގުޅިގެން މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ޔުނިސެފްގެ ފަރާތުން ތަކެތި ހަދިޔާ ކުރެއްވީ ރާއްޖެ އަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. މުނީރު އަލް ސަފީލްދީން އެވެ.

Ad
rt

ޔުނިސެފްގެ ފަރާތުން މިއަދު ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ޕާސަނަލް ޕްރޮޓެކްޓްޓިވް އިކުއިޕްމަންޓް (ޕީޕީއީ)، ސާޖިކަލް މާސު، އެން95 މާސްކު، ފޭސް ޝީލްޑް، ޕްރޮޓެކްޓިވް ގްލޯވްސް، ސާޖިކަލް ގްލޯވްސް، ހޭންޑް، ކްލިނިކަލް ތާމޯމީޓަރސް، ސެނިޓައިޒާ، އަދި ސައިބޯންޏެވެ.

ޔުނިސެފުން ބުނި ގޮތުގައި މި ސިއްޙީ އާލާތްތަކުގެ ތެރޭގައި 7.1 މިލިއަން ރުފިޔާގެ 150،690 އައިޓަމްސް ހިމެނޭ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ޔުނިސެފްގެ ފަރާތުން އަބަދުވެސް އަންނަނީ ތަފާތު އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ރާއްޖެއަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމާއި އާއްމު ސިއްހަތާ ގުޅޭ އެކި ދާއިރާތަކުން އެ ޖަމިއްޔާއިން ދަނީ މެދުނުކެނޑި އެހީތެރިކަން ފޯރުކޯށްދެމުންނެވެ.

ޔުނިސެފްގެ އިތުރުން ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، މީގެ ކުރިންވެސް ގިނަ އަދަދެއްގެ ޓެސްޓް ކިޓާއި ޕީޕީއީ އަދި ބައްޔަށް ފަރުވާދޭން ބޭނުންކުރާ ބޭހާއި އެހެނިހެން އާލާތްތައް އެ ފަރާތްތަކުން ވަނީ ހަދިޔާކޮށްފަ އެވެ.