ހއ. ދައްޕަރުގައި ވިލާ އަދި އެޕާޓްމެންޓްތައް އެޅުމުން، އެތަންތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތުގެ ރެސިޑެންސް ވިސާ ދިނުމާ ބެހޭގޮތުން އިމިޤްރޭޝަން ގާނޫނަށް ގެނައުމަށް ހުށައެޅިފައިވާ އިސްލާހުތަކާއި މެދު ވާހަކަދެއްކުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެކަން ފެށުމުގެ ކުރިން ރެސިޑެންސީއާއި ބެހޭ ގާނޫނެއް އެކުލަވާލުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން، އަޅުގަނޑު ދެކޭ ގޮތުގައި ތިން ލައްކައެއްހާ ޑޮލަރު އެއީ އިންވެސްޓްމެންޓަކަށް ވާން ޖެހޭ. އެއީ އެކަހަލަ ތަނަކުން އަޅުގަނޑުމެން އުފައްދާ ވިލާއެއް ނުވަތަ އެޕާޓްމެންޓެއް ތިން ލައްކައެއްހާ ޑޮލަރަށް ގަތީމަ އައިސް ވަދެވޭގޮތަށް އިންވެސްޓްމެންޓެއް ގޮތުގައި ބެލުމަށް
ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެއްލައްކަ ރުފިޔާ އިންވެސްޓްކުރާ ފަރާތްތަކަށް ނުވަތަ ދިގު މުއްދަތަކަށް ތަންތަން ކުއްޔަށް ހިފާ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމަކީ މިވަގުތަށް މުހިންމުކަމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ޚިލާފްނުވާ ގޮތަކަށް އަމަލުކުރާ އަދި 500،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ވިސާ ދޭން ވިސްނިދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވާހަކަފުޅާއި ގުޅިގެން މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދައްޕަރުގައި ސެކަންޑް ހޯމް ޕްރޮޖެކްޓެއް ހިންގައިފި ނަމަ އިންޑިއާގެ އިންވެސްޓަރުން ގިނަ އަދަދަކަށް އައުން ގާތް ކަމަށެވެ. އެއީ އިންޑިއާ އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ނެޓްވޯކެއް ފަށާތީ ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.
ފައްޔާޒް އިތުރަށް ވަނީ ރެސިޑެންސް ވިސާއަކީ ރައްޔިތުކަން ދިނުން ނޫންކަމަށާއި އެގޮތުން ރެސިޑެންސް ވިސާއިން ލިބޭ ހަމައެކަނި ފައިދާއަކީ ފަސޭހަކަމާއި އެކު ވަދެ ނުކުމެވުން ކަމަށް ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެރަށާގުޅިފައި އޮތް ވަރަށް ރީތި ފަޅުރަށެކެވެ. ފަތުރުވެރިކަމަށް ޢަލަށްނެރޭ ރަށްތަކުގެ ތެރޭގައި ފިއްލަދޫގެ ދައްޕަރު ސަރަޙައްދު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ރިސޯރޓް ތަރައްޤީ ކުރުމަށް ދައްޕަރުގެ 60 ހެކްޓަރ ބިން ވަނީ ކަނޑައަޅައިފައެވެ. ފަތުރުވެރިކަމަށް އަލަށް ތަޢާރަފުކުރި ރަށްތަކުގެ ތެރެއި ށ. ނަލަންދޫ ފިޔަވައި އެންމެގިނަ އެނދު ތަރައްޤީކޮށް އަދި އެންމެ ގިނަ ވަޒިފާ އުފެދިގެންދާނީ ދައްޕަރު ގައެވެ. ޖުމަލަ 1000 އެދާއެކު 2000 ވަޒީފާގެ ފުރުޞަތު ދައްޕަރުން އުފެދިގެން ދާނެއެވެ.
ހއ. އަތޮޅުގައި މިހާރު އޮތް ހަމައެކަނި ދެރިސޯރޓް އޮންނަނީ އަތޮޅުގެ އަނެއް ބިތުގައެވެ. ކުރިން ހިންގަމުން އައި އަލިދޫ ރިސޯރޓް ބަންދު ކުރިފަހުން، ފިއްލަދޫ ސަރަޙައްދުގައި އެއްވެސް ރިސޯރޓެއް ނެތެވެ. ދައްޕަރަކީ ކުރިންވެސް ނޫމަޑިން ރިސޯރޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ފެށި ރަށެކެވެ. 2012 ވަނަ އަހަރު ދައްފަރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ފެށި ނަމަވެސް އިންވެސްޓަރުންގެ މެދުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނެވެ.
ސިންގަޕޫރުގެ، ޖެނެރަލް ހޮޓެލް މެނޭޖުމަންޓް (ޖީއެޗްއެމް) ކުންފުނިން 2016 ހުޅުވަން ނިންމާ ޕްރައިވެޓް ވިލާތައް އަމިއްލަ ކުރެވޭ ގޮތަށް ރިސޯޓުން ޕްރައިވެޓް ވިލާ ވިއްކުމަށް ހުޅުވާވެސް ލިއެވެ. "ޗެޑީ ދައްޕަރު" ގެ ނަމުގައި ހުޅުވަން އެއިރު ތައްޔާރުވި ރިސޯޓަކީ ޕްރައިވެޓް ވިލާ އަމިއްލަ ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް 2013 ވަނަ އަހަރު ހުއްދަ ދީފައިވާ ރިސޯޓެކެވެ.
ފަތުރުވެރިކަމަށް އަލަށް ތަޢާރަފްކުރި ރަށްތަކުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ލަފާކުރައްވައިފައެވެ. އަދި 2023 ގައި އެރަށްތަށް ހުޅުވުމަކީ މިސަރުކާރުގެ އަމާޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!