ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ނުރައްކާތެރި ކަނޑުމަތީގެ ތަފާތު 05 ހާދިސާއެއްގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސކިއު ކޯޑިނޭޝަން ސެންޓަރަށް ވަނީ ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތަކާއި އުޅަނދުފަހަރު އަޑިއަށް ދިއުންފަދަ ހާދިސާތައް ވަނީ ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރަމެވެ."
އެމްއެންޑީއެފުން ބުނެފައި ވެއެވެ.
" ޚާއްޞަގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރައްވާއިރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލްކުރުމާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ. ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް ދަންނަވަމެވެ. " އިތުރަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މިއަދުވެސް ވަނީ 9 މީހުންނާއި އެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ގޮސް އެންމެ ކަނޑުވެފައިތިއްބާ އެސަރަހައްދުން ދަތުރުކުރި އެހެންދޯންޏަކުން އެންމެން ސަލާމަތްކޮށް ފައެވެ.
ކަނޑުތައް ގަދަވުމާއިއެކު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުޞަތު އޮތުމުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު 10:45 އިން 15:00 އާއި ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެ ފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!