ޤައުމުގެ އަމާންކަމާއި އާންމު މަސްލަތު ގެއްލޭފަދަ ގޮތްގޮތަށް ހިންގާ ހަރަކާތްތަކަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމްޢިއްޔާތަކުން ހިތްވަރު ނުދިނުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ގޮވާލައިފިއެވެ.

މިކަން ހާމަކުރައްވައި އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް، ރަޖިސްޓްރީކޮށް ހިންގަމުންދާ ބައެއް ޖަމްޢިއްޔާތަކުން ސޯޝަލް މީޑިއާއާއި، އޯދި އެހެނިހެން ޕްލެޓްފޯމްތަކުގައި ދައްކަމުންދާ ވާހަކަތަކާއި މެދު އެ މިނިސްޓްރީއިން ނިހާޔަތަށް ކުންބޮޑުވާކަމަށެވެ.

Ad
rt

މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާހު ކުރުމަށް އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން، އެ ހައްޤުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކަށް އެ މިނިސްޓްރީން އަބަދުވެސް މަރުޙަބާ ކިޔާކަމަށާއި އަދި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންތައްތަކާއި މެދު ވާހަކަ ދެކެވުމަކީ ޑިމޮކްރެޓިކް މުޖުތުމަޢުއެއް ބިނާ ކުރުމުގައި މުހިންމު ކަމެއް ކަމުގައި ވެސް މިނިސްޓްރީއިން ގަބޫލު ކުރާކަމުގައި އެ ބަޔާނުގައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނާއި ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނާނެ ފަދަ ހަރަކާތްތަކަށާއި، ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމްޢިއްޔާ ޖަމާޢަތްތަކުން ފަތުރާ ވާހަކަތަކާއި، ހިންގާ ޚަރަކާތްތަކަކީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އިމުގެ ބޭރުން ހިނގާ ކަންތައްތަކެއް ކަމުގައި އެ މިނިސްޓްރީއިން ދެކޭކަމަށެވެ.

އެހެންކަމުން، ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ޤައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް އެ ބަޔާނުގައި އިލްތިމާސް ކުރައްވާފައިވެއެވެ.