ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މާދަމާ އަލުން ހުޅުވާލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައި ފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙް މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި، ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވި ކަމަށެވެ. އަދި އެތަންތަނުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތުވެސް އެއަރޕޯޓުގެ ކަމާބެހޭ އިސްފަރާތްތަކުގެ ފަރާތުން އެމަނިކުފާނު އޮޅުންފިލުއްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

Ad
rt

ރައީސް އޮފީހުން ބުނީ މި ޒިޔާރަތުގައި ރައީސް ވަނީ އެއަރޕޯޓްގައި ފަސިންޖަރުން ސްކްރީންކުރުމާއި ކޯވިޑަށް ޓެސްޓުކުރަންޖެހޭ ޙާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ބައްލަވާ ލަށްވާފައި ކަމަށެވެ.

ރައީސްގެ މިޒިޔާރަތުގައި އަރިހުގައި ފޮރިން މިނިސްޓަރު ޢަބުދު ﷲ ޝާހިދާއި، ކަމާއި ގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާޗު 27 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މާދަމާ އަލުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަންނަ ބައެއް ފްލައިޓުތައް އޯވާ ބުކްވެފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މާދަމާ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަށް އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. ފްލައިޓު ވީއައިއޭ އަށް ލޭންޑު ކުރަން ޝެޑިއުލްގައި ވާގަޑިއަކީ ހެނދުނު 8:25 އެވެ.

މި މަހު ރާއްޖެ އަންނަން ދެން ޝެޑިއުލް ކޮށްފައިވަނީ އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސް އެވެ. އެމިރޭޓްސްގެ ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. ދުބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދުވަހު ފްލައިޓު ބާއްވަން ޝެޑިއުލްކޮށްފައިވާއިރު އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ވަނީ ތާވަލު ކޮށްފަ އެވެ. އެ އެއާލައިނުން އަބޫދާބީ އާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެ އެވެ.

ޖުލައި 15 އިން އޮގަސްޓުމަހުގެ ނިޔަލަށް އޮޕަރޭޓުކުރަން ފަށާ އެއާލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 ޕަސެންޓް ޑިސްކައުންޓު ދޭން ނިންމާފައިވާ އިރު ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއާލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާޗު 26 ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.