ރޭގައި ސްޕެނިޝް ލަލީގާގައި ކުޅުން މެޗު ކާމިޔާބުކޮށް ލީގުތަށި ކާމިޔާބު ކުރުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.
ރޭގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައިވަނީ ޑިޕޯޓިވޯ އަލާވޭސް އާއި ބައްދަލުކޮށް 0-2 ގެ ނަތީޖާއަކުންނެވެ. އެ ޓީމުންވަނީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުވެސް ކާމިޔާބު ކޮށްފައެވެ.
ރެއާލް މެޑްރިޑުން އެ ޓީމުގެ މުހިންމު ތިން ޑިފެންޑަރުން ކަމުގައިވާ ސާޖިއޯ ރާމޯސް އަދި ޑެނީ ކަރަވަހާލް ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ކުޅެފައިނުވާއިރު މާސެލޯ ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައިނުވެއެވެ. މި ތިން ކުޅުންތެރިން ނުލާ ވެސް އެ ޓީމުގެ ޑިފެންޑަރުން ރޭގެ މެޗުގައި ވަނީ މޮޅުކުޅުމެއް ކުޅެފައެވެ.
މިމެޗުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން 11 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ކުޅުންތެރިޔާ ކަރީމް ބެންޒެމާއެވެ. މި ޕެނަލްޓީއަކީ އަލްވޭސްގެ ޑިފެންޑަރ ނަވާރޯ އެ ޓީމުގެ ގޯލްއޭރިއާ ތެރެއިން މެޑްރިޑްގެ ޑީފެންޑަރ މެންޑީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މުޅީ މެޗެގައިވެސް ރެއާލްއިން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މި މެޗުގައި އެ ޓީމަށް ދެވަނަ ލަނޑު ފަހުހާފުގެ ވަރަށް ކުރީކޮޅު ބެންޒެމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްފައިވަނީ އެސެންސިއޯއެވެ. އެ ޓީމު ފަހުން ކުޅުން ތިން މެޗުގައި ވެސް ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީންނެވެ.
ލީގުގައި 35 މެޗު ކޮންމެ ޓީމެއްވެސް ކުޅެފައިވާއިރު 80 ޕޮއިންޓް ހޯދައިގެން މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރިއަލް މެޑްރިޑެވެ. 76 ޕޮއިންޓް ހޯދައިގެން ދެވަނާގައި އޮތީ ބާސެލޯނާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!